ވޯލްޑް ކަޕް 2022 ގައި ގްރޫޕް ޑީ ގެ ދެވަނަ މެޗުގައި މިއަދު ބައްދަލުކުރާނީ ޓިއުނީޝިއާ އަދި އޮސްޓްރޭލިއާއެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު މެންދުރުފަހު ތިނެއް ޖަހާއިރުއެވެ.

އޮސްޓްރޭލިއާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ފްރާންސްގެ ކައިރިން ބޮޑު ތަފާތަކުން ބަލިވެފައިވާއިރު، މިއަދު ކުޅޭ ދެވަނަ މެޗު ކާމިޔާބުކުރެވޭތޯ ވަރަށް މަސައްކަތް ކުރާނެއެވެ. މިދިޔަ އަންގާރަދުވަހު އޮސްޓްރޭލިއާ އިން މުބާރާތް ފަށާފައިވަނީ ފްރާންސާ ދެކޮޅަށް ކުޅެ 4-1 ގެ ނަތީޖާއަކުން ބަލިވެގެންނެވެ. ނަމަވެސް ފީފާ ރޭންކިންގެ 30 ވަނައިގައި އޮތް ޓިއުނީޝިއާ ވަނީ އެމީހުންގެ ފުރަތަމަ މެޗުގައި ވަރުގަދަ ސްކޮޑަކާއެކު އޮތް ޑެންމާކް ހިފަހައްޓާ، 0-0 ގެ ނަތީޖާއަކުން މެޗު އެއްވަރުކޮށްފައެވެ.

މިއީ ޓިއުނީޝިއާ ވޯލްޑްކަޕަށް ކޮލިފައިވި ހަވަނަ ފަހަރެވެ. މީގެ ކުރިން ފަސްފަހަރުވެސް ޓިއުނީޝިއާއަށް މުބާރާތުގައި މާ ދުރަކަށް ދެވިފައެއް ނުވެއެވެ. އެހެންކަމުން އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގުރޫޕް ސްޓޭޖް ކަޑައްތުކޮށް ދެވަނަ ބުރަށް ދާން ޓިއުނީޝިއާއިން ވަރަށް މަސައްކަތްކުރާނެއެވެ.

ޓިއުނީޝިއާ 1998، 2002، އަދި 2006 ވަނަ އަހަރު ވޯލްޑުކަޕްގައި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ފަހަރު ރަޝިއާގެ މުބާރާތުގައި އެމީހުން ވަނީ އެއް މެޗުން މޮޅުވެފައެވެ. އަދި ވަރުގަދަ ޑެންމާކް ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިގެން މި މުބާރާތްވެސް އެ ގައުމުން ފަށާފައިވަނި ވަރަށް ރަނގަޅަށެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ޓިއުނީޝިއާއިން އިން ފުރަތަމަ ގޯލު ޖެހި ނަމަވެސް ރެފްރީ ނިންމާފައިވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. މުޅިން ހުސްކޮށް ހުރެ ޖެބާލީ އޭރިއާ ތެރެއަށް ވަދެފައި ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަން ނަމަވެސް، ރެފްރީ ނިންމީ އޭނާއަށް ބޯޅަ ލިބުނުއިރު ހުރީ އޮފްސައިޑުގައި ކަމަށެވެ.

ޓިއުނީޝިއާ އަދި ޑެންމާކު ބައްދަލުކުރި މެޗުގެ ތެރެއިން

ޓިއުނީޝިއާގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗު އަދި އެންމެ އުނދަގޫ މެޗު އޮންނާނީ އަންނަ ބުދަ ދުވަހު މިދިޔަ އަހަރުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ. އެހެންކަމުން އެމީހުންނަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކުރުމަށް މިއަދުގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރުން ވަރަށް މުހިންމުވާނެއެވެ.

ޓިއުނީޝިއާ ވޯލްޑް ކަޕަށް ކޮލިފައިވެފައިވަނީ ތިންވަނަ ބުރުގައި މާލީ ކައިރިން މޮޅުވެގެންނެވެ. މިއަހަރުގެ ޖެނުއަރީން ފެށިގެން އެ ގައުމުން ކުޅުނު އެއްވެސް ވާދަވެރި މެޗަކުން ޓިއުނީޝިއާ ބަލިވެފައެއް ނުވެއެވެ.

މިއީ ޓިއުނީޝިއާ އާއި އޮސްޓްރޭލިއާ ވޯލްޑް ކަޕެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ޖުމްލަ ދެފަހަރަކު މީގެ ކުރިން މި ދެގައުމު ބައްދަލުކޮށްފައިވީ ނަމަވެސް ބައިނަލް އަގުވާމީ މުބާރާތެއްގައި ބައްދަލުކުރާ މިއީ ދެވަނަ ފަހަރެވެ. އެންމެ ފަހުން 2005 ވަނަ އަހަރު ކޮންފެޑެރޭޝަންސް ކަޕްގައި މި ދެ ގައުމު ބައްދަލުކުރިއިރު 2-0 ގެ ނަތީޖާ އަކުން ޓިއުނީޝިއާ ވަނީ މޮޅުވެފައެވެ.

އޮސްޓްރޭލިއާ ދެވަނަ މެޗަށް ނުކުންނައިރު އެ ގައުމު އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގުރޫޕް ޑީގެ އެންމެ ފުލުގައެވެ.

ފުރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ލީޑް ނަގާފައިވަނީ އޮސްޓްރޭލިއާ އިންނެވެ. ނުވަ ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ފޯވާޑް މެތިއު ލެކީ، ފްރާންސްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް ކައިރިން ނައްޓާލުމަށް ފަހު ނަގައި ދިން ހުރަސް ފައިން ޖަހާ ގޯލްގެ ކަނަށް ވައްދާލީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ކްރެއިގް ގުޑްވިންއެވެ. ނަމަވެސް އޭގެ ފަހުން އޮސްޓްރޭލިއާއަށް އިތުރު ގޯލެއް ޖެހުމުގެ ފުރުސަތު ނުދީ ފުރާންސުން ވަނީ ފަހަތުން އަރާ ހަތަރު ގޯލު ޖަހާފައެވެ.

ފްރާންސާއި ދެކޮޅަށް ކުޅުނު މެޗުގައި ގުޑްވިން އޮސްޓްރޭލިއާގެ ހަަމއެކަނި ލަނޑު ކާމިޔާބުކޮށްދެނީ

އޮސްޓްރޭލިއާ ވޯލްޑް ކަޕަށް ކޮލިފައިވެފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ބަލިކޮށް އަދި ޕެނަލްޓީ ޝޫޓްގައި ޕެރޫ ބަލިކޮށްގެންނެވެ. އަދި މި ދިޔަ ސެޕްޓެމްބަރު މަހު ނިއުޒިލެންޑާއެކު ކުޅުނު އެކުވެރިކަމުގެ ދެ މެޗުންވެސް އޮސްޓްރޭލިއާ ވަނީ މޮޅުވެފައެވެ.

އޮސްޓްރޭލިއާ މިހާތަނަށް އައިއިރު، ވޯލްޑް ކަޕްގައި ކުޅުނު ފަސް އަހަރުގެ ތެރެއިން ހަތަރު ފަހަރު ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދެވިފައެއް ނުވެއެވެ. އެގައުމަށް އެންމެ ފަހުން ދެވަނަ ބުރަށް ދެވިފައިވަނީ 2006 ވަނަ އަހަރުއެވެ. އަދި މިދިޔަ ތިން ވޯލްޑްކަޕުގައި ކުޅުނު ހުރިހާ މެޗެއްގެ ތެރެއިން އޮސްޓްރޭލިއާ މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.

ޑެންމާކާއި ދެކޮޅަށް ކުޅުނު މެޗުގައި ޓިއުނީޝިއާގެ އެއްވެސް ކުޅުންތެރިއަކަށް އަނިޔާވެފައެއް ނުވެއެވެ. އެހެންކަމުން އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ގިނަ ކުޅުންތެރިން މިއަދުގެ މެޗުގައިވެސް ފެނިގެންދާނެކަމަށް ބެލެވެއެވެ.

ސްކޮޑުގައި ހުރި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާ ވަހުބީ ކަޒްރީ ފުރަތަމަ މެޗުން ފެނިފައި ނުވި ނަމަވެސް މި މެޗުން އޭނާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ލަފާކުރެވޭ ގޮތުގައި އެނާ ފެނިގެންދާނީ އަނީސް ބިން ސުލިމާންގެ ބަދަލުގައެވެ. އަދި އޭނާއެކު ކުރިން ފެންނާނީ ޔޫސުފް މްސަކްނީ އާއި އިއްސާމް ޖެބާލީއެވެ.

ޑެންމާކާއި ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ހަނިބަލް މެޖްބްރީ ފެނިފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މި މެޗުންވެސް އޭނާ ފެނުން އެކަށީގެންވެއެވެ.

އޮސްޓްރޭލިއާއަށް ބަލާއިރު ފުރަތަމަ މެޗުގައި ފުރާންސްގެ ކައިރިން ބަލިވި ނަމަވެސް އޮސްޓްރޭލިއާގެ ކުޅުންތެރިންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިފައިވާތީ މިއަދު ވެސް ފުރަތަމަ 11 ގައި ފެންނާނީ ހަމަ ކުރީ ދުވަހު ފެނުނު ކުޅުންތެރިންކަމަށް ބެލެވެއެވެ.

އެގޮތުން ކުރީ ދުވަހުވެސް ފެނުނު މިޗެލް ޑޫކް މިއަދުވެސް ފެންނާނެއެވެ. އަދި ސްކޮޑްގައި ހުރި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ މެތިއު ލެކީ ކަނާތުން ފެނިގެންދާނެއިރު، ކުރީ މެޗުގެ ގޯލު ކާމިޔާބުކޮށްދިން ގުޑްވިން ފެންނާނީ ހަމަ އޭނަގެ މަގާމުންނެވެ. ސްޓޯކް ސިޓީގެ ހެރީ ސައުޓާ، ސެލްޓިކްގެ އާރޮން މޫއީ އަދި މިޑްލްސްބްރޯ ގެ ރައިލީ މެކްގްރީ ވެސް ފުރަތަމަ އެގާރައިން ފެނިގެންދާނެކަމަށް ބެލެވެއެވެ.