ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ގުރޫޕް ޑީ ގެ ދެވަނަ މެޗުގައި މިއަދު އޮސްޓްރޭލިއާ އިން ޓިއުނީޝިއާއާ ދެކޮޅަށް ނުކުންނައިރު، މި މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި މި މެޗު ވަރަށް މުހިންމު ކަމަށާއި މި މެޗުން މޮޅުވާން ޖެހޭނެ ކަމަށް އޮސްޓްރޭލިއާގެ ކޯޗު ގްރަހަމް އާނޯލްޑް ބުނެފިއެވެ.

އުމުރުން 59 އަހަރުގެ ކޯޗު ބުނެފައިވަނީ އޮސްޓްރޭލިއާ އިން ފުރާންސާ ދެކޮޅަށް ކުޅުނު މެޗުން މޮޅުނުވި ނަމަވެސް އޭނާގެ ޓީމު އެ މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ. އަދި ފުރާންސްގެ މެޗަކީ މިހާރު ނިމިފައި އޮތް ކަމެއް ކަމަށާއި، ޓީމުގެ އަމާޒު މިހާރު ހުރީ މިއަދުގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.

ވޯލްޑްކަޕްގައި އޮސްޓްރޭލިއާގެ ޓީމަށް މިހާތަނަށް މާ ބޮޑު ކާމިޔާބީއެއް ހޯދިފައިނުވާކަން ކޯޗު އާނޮލްޑް ވަނީ ފާހަގަ ކޮށްފައެވެ.

"ވޯލްޑްކަޕްގައި އަހަރެމެން ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުން. އަހަރެމެން މިހާރު ބޭނުންވަނީ އޮސްޓްރޭލިއާގެ ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުމެއް ގެންނަން. އަހަރެމެން މެޗަކުން މޮޅުވާއިރު އޮސްޓްރޭލިއާގެ ރައްޔިތުންގެ މޫނުމަތިން ފެންނަ ހިނިތުންވުމުގެ މަންޒަރު އަހަރެން ބަލާލަން ބޭނުންވޭ." ކޯޗު ބުނެފައިވެއެވެ.

އޮސްޓްރޭލިއާއިން މި ނަތީޖާއިން ނެރޭނީ އިތުރު ހިތްވަރެއްކަމަށްވެސް ކޯޗު ވަނީ ބުނެފައެވެ.

"އެ ރިކޯޑް އަހަރެމެން ބޭނުންކުރާނީ ހިތްވަރެއްގެ ގޮތުގައި. 17 މެޗުގެ ތެރެއިން އަހަރެމެން މޮޅުވީ ދެ މެޗުން. އެއީ މާ ރަނގަޅު ރެކޯޑެއް ނޫން. އެކަމަކު އަހަރެމެން ނުކުންނާނީ ރަން ޖީލަކަށްވުމަށް." އާނޮލްޑް ބުނެފައިވެއެވެ.

ކުޑަހުޅުގެ އަނިޔާއެއްގެ ސަބަބުން މިއަދުގެ މެޗުގައި ފަހަތަށް ކުޅޭ ޑިފެންޑަރު ނެތެނިއަލް އެޓްކިންސަން ނުފެންނާނެ ކަމަށާއި، އޭނާގެ ބަދަލުގައި ފެނިގެންދާނީ ފްރެން ކަރަސިކް ކަމަށް ކޯޗު ވަނީ ބުނެފައެވެ.

ކޯޗު ބުނެފައިވަނީ މިއަދުގެ މެޗަކީ ފުރާންސުގެ މެޗާއި ތަފާތު މެޗަކަށް ވާނެކަމަށާއި އޮސްޓްރޭލިއާއިން މި މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށެވެ.