ބްރެޒިލްގެ ތަރި ނޭމާ އަށް ފައުލް ކުރުން ހުއްޓާލަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޓިޓޭ ބުނެފިއެވެ.

ވޯލްޑް ކަޕްގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ސާބިއާ ވަނީ ބަލިކޮށްފައެވެ. އެ މެޗުގައި ސާބިއާގެ އެކި ކުޅުންތެރިން ވަނީ ނޭމާ އަށް ނުވަ ފައުލްކޮށްފައެވެ. އޭނާ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު އަނިޔާގެ ސަބަބުން ދެވަނަ ހާފްގައި ވަނީ ބަދަލު ވެސް ކޮށްފައެވެ.

ނޭމާގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ގްރޫޕް ސްޓޭޖްގައި ބްރެޒިލް ކުޅޭ މެޗުތަކުގައި އޭނާ ނުފެންނާނެއެވެ. ބްރެޒިލް މިރޭ ބައްދަލު ކުރާނީ ސްވިޒަލެންޑާ ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ކެމަރޫންއާ ދެކޮޅަށެވެ. ކެމަރޫން މިއަދު ވަނީ ސާބިއާއާ 3-3 އިން އެއްވަރުކޮށްފައެވެ.

ސްވިޒަލެންޑް މެޗުގެ ކުރިން ބްރެޒިލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓީމުގެ ކޯޗު ޓީޓޭ ބުނީ ނޭމާ އަށް ކުރަމުން އަންނަ ފައުލްތައް ހުއްޓެން ޖެހޭ ކަމަށެވެ. ނޭމާ އަށް ލިބުނު އަނިޔާއާ އެކު އޭނާ ކަރުނަ އަޅައި ބެންޗުގައި ރޯން އިން މަންޒަރު ވެސް ކެމެރާތަކަށް ވަނީ އަރައިފައެވެ.

އުމުރުން 30 އަހަރުގެ ފޯވާޑް ނޭމާ އަށް އަނިޔާވީ ސާބިއާގެ ނިކޮލާ މިލެންކޮވިޗް ކުރި ފައުލަކާ ގުޅިގެންނެވެ.

"ފުޓްބޯޅައިގައި ކާމިޔާބީ ފާހަގަ ކުރަން ބޭނުން ނަމަ، ފައުލްތަކަށް ސަމާލުކަން ދޭން ޖެހޭ،" ޓިޓޭ ބުންޏެވެ.

"އެމީހުން ބަލަނީ ވަކިވަކި ކުޅުންތެރިންތަކަކަށް، އެއީ މި ވާގޮތަކީ. އެކަން ހުއްޓެން ޖެހޭ،"

ނޭމާ އެންމެ ފުރަތަމަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި ކުޅެފައި ވަނީ 2014 ވަނަ އަހަރެވެ. އޭގެ ފަހުން މިހާތަނަށް އައިއިރު ނޭމާ އަށް އެކަނި ވެސް 53 ފައުލްކޮށްފައިވެއެވެ.

ޓިޓޭ ބުނީ ގްރޫޕް ސްޓޭޖްގެ ބާކީ ދެ މެޗު އޮތް އިރު، އެ ދެ މެޗުން ވެސް ޕީއެސްޖީގެ ތަރި ނޭމާ ނުފެނުނު ނަމަވެސް ވޯލްޑް ކަޕްގެ ކޮންމެވެސް ހިސާބަކުން ނޭމާ ފެންނާނެ ކަމަށެވެ.

"އަހަރެން ގަބޫލު ކުރަނީ ނޭމާ އާއި ޑެނީލޯ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށް. އަހަރެން މި ހުރީ ކުޅުންތެރިންގެ (ސިއްހީ މައުލޫމާތު) ދޭ ފަދަ މަގާމެއްގައި އެއް ނޫން،" ޓިޓޭ ބުންޏެވެ.

ނޭމާގެ ފަޔަށް ލިބުނު އަނިޔާ.

ނޭމާގެ އިތުރުން ޔުވެންޓަސް އަށް ކުޅެމުން އަންނަ ޑެނީލޯގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ވެސް ގްރޫޕް ސްޓޭޖް މެޗުތަކުގައި ނުކުޅެވޭނެ ކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އޭނާގެ ބަދަލުގައި ފަހަތް ބަލަހައްޓާނީ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސްއެވެ.

ސްވިޒަލެންޑަށް ބަލާއިރު، ރެނާޓޯ ސްޓެފަންގެ ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ކުޅެވިދާނެ ކަމާ މެދުގައި ވަނީ ސުވާލު އުފެދިފައެވެ.

ބްރެޒިލްގެ ޓީމު ޑޮކްޓަރު، ރޮޑްރީގޯ ލަސްމާ ބުނީ ނޭމާގެ ފައިގެ އެމްއާރުއައި ހެދި އިރު، ކުޑަހުޅުގެ ލިގަމަންޓަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ނޭމާ އަލުން ފަރިތަކުރުންތަކުގައި ބައިވެރި ކުރުމަށްޓަކައި މެޑިކަލް ޓީމުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ޑޮކްޓަރު ބުންޏެވެ.

މީސް މީޑިއާގައި އާންމު ކުރި މެސެޖެއްގައި ނޭމާ ބުނީ މި ފަހުން ލިބުނު އަނިޔާއަކީ އޭނާގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އެއް ހިތްދަތި ކަން ކަމަށެވެ. އަދި ވަރަށް އަވަހަށް ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް ނޭމާ ބުނެފައިވެއެވެ.

މީގެ ކުރިން ނޭމާ ކުޅުނު 2014 އަދި 2018 ގެ ވޯލްޑް ކަޕްގައި ވެސް އަނިޔާއާ ކުރިމަތިވިއެވެ. އެގޮތުން 2014 ވަނަ އަހަރު ބްރެޒިލްގައި ކުޅުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނޭމާގެ ބުރަކަށްޓަށް އަނިޔާވެގެން އޭނާ ބަދަލު ކުރަން ޖެހުނެވެ. 2018 ވަނަ އަހަރު ރަޝިއާގައި ކުޅުނު ވޯލްޑް ކަޕަށް ބްރެޒިލް އައިއިރު، ނޭމާ ފިޓްނަސް ރަނގަޅެއް ނޫނެވެ. ނޭމާ އަށް އެ އަހަރު ކުރީކޮޅު އަނިޔާގެ މައްސަލައަކާ ކުރިމަތިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޯލޭ

    ނުކުޅި ގޭގަ އޮތީމަ ފައުލްއެއް ނުކުރާނެ ލޮލް

    4
    9
  2. ހުސޭނުބޭ

    އެންމެ ރަގަޅު ގޮތަކީ ތިއީ ޤާނޫނެއްކަމަށް ހަދާ ފާސްކުރުން. ރާއްޖޭގެ ރައްޔިތުން މަޖިލީހުން ތިކަން ކޮށްދޭނެ. ކުރަން ޖެހޭނެ ކަމަކީ ކޮންމެ މެމްބަރަކަށް ކުޑަ ލާރިކޮޅެއް ދިނުން

    10
  3. ބޯގަޅި

    ފައުލްކުރުމެއްނޫން ހުއްޓަންވީ ނޭމާއަށް އަނިޔާކުރުން ހުއްޓަންވީ

    11
  4. ޗަކޮއި

    ނޭމަ ކުޅުން ހުއްޓާލުން ކިހިނެއްވާނެ؟ ގިނަ މީހުންގެ މަސްލަހަތު އޮންނަ ކަމެއްގައި އެކަކުގެ މަސްލަހަތު އިސްކުރުން މިއީ ހަމައެއްބާ؟