މެންޗެސްޓަރ ޔުނައިޓެޑްގެ ސްކޮޑު ވަރުގަދަ ނުކޮށްފިނަމަ އަންނަ ސީޒަން އުނދަގޫ ވާނެ ކަމަށް އެ ކްލަބުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ޔުނައިޓެޑުން މިހާތަނަށް ވަނީ ތިން ކުޅުންތެރިއަކު ގެނެސްފައެވެ. އެއީ ޝަހްތަރު ޑޮނެޓްސްކް އަށް ކުޅެމުން އައި ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އާއި ޕޯޓޯ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޒުވާން ޑިފެންޑަރު ޑަލޮޓްގެ އިތުރުން ސްޓޯކް ސިޓީ އަށް ކުޅެމުން އައި ތަޖުރިބާކާރު ގޯލްކީޕަރު ލީ ގްރާންޓްއެވެ.

ޕްރިމިއާ ލީގުގެ ކްލަބުތަކަށް ޓްރާންސްފާ މާކެޓު މި މަހުގެ ނުވަ ވަނަ ދުވަހު ބަންދުވާއިރު ޔުނައިޓެޑަށް އަދިވެސް އިތުރު ކުޅުންތެރިންތަކެއް ގެންނަން މޮރީނިއޯ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕްރީ ސީޒަން ޓުއާގައި ރޭ ބަޔާން މިއުނިކް އަތުން 0-1 އިން ޔުނައިޓެޑް ބަލިވި މެޗުގެ ކުރިން ޔުނައިޓެޑްެ ރަސްމީ ޓީވީ އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ އޭނާ ބޭނުންވާ ކަންކަން ޔުނައިޓެޑްގެ ސީއީއޯ އެޑް ވުޑްވާޑް އަށް މާކުރިން ވެސް އިނގޭނެ ކަމަށާއި މި ކަންކަން ހާސިލުކުރުމަށް ވުޑްވާޑް ވެސް މަސައްކަތް ކުރާކަން އިނގޭ ކަމަށެވެ.

"ވުޑްވާޑް އަށް އިނގޭނެ އަހަރެން ބޭނުންވާ ކަންކަން. ޓްރާންސްފާ މާކެޓުގައި އަދިވެސް އެބައޮތް ދުވަސްކޮޅެއް. ވާގޮތެއް ބަލަމާ" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑާއި އެންމެ ކައިރިން ވާދަކުރާ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް އާއި ޓޮޓެންހަމް އަދި ޗެލްސީ ފަދަ ކްލަބުތަކުން ސްކޮޑު އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންކަމުން ޔުނައިޓެޑުން ސްކޮޑު ވަރުގަދަ ނުކޮށްފިނަމަ އަންނަ ސީޒަން އެ ކްލަބަށް އުނދަގޫވާނެ ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

"އަހަރުމެންނާއި ވާދަކުރާ ކްލަބުތައް ވަރުގަދަ. ރަނގަޅު ސްކޮޑުތަކެއް ވެސް އެ ކްލަބުތަކުގައި އެބައޮތް. އަދި ބައެއް ކްލަބުތަކުން ދަނީ ޓްރާންސްފާ މާކެޓުގައި ބޮޑެތި ހޭދަތަކެއް ވެސް ކުރަމުން. އޭގެތެރެއިން އެ ކްލަބު އެއީ ލިވަޕޫލް. އެހެންވީމަ އަހަރުމެންގެ ސްކޮޑު ވަރުގަދަ ނުކޮށްފިނަމަ އަންނަ ސީޒަން އުނދަގޫވާނެ" މޮރީނިއޯ ބުންޏެވެ.

އަންނަ ހުކުރު ދުވަހު ޕްރިމިއާ ލީގުގެ ކުޅުން ފަށާއިރު ލީގުގެ ފުރަތަމަ މެޗުގައި ޔުނައިޓެޑް ބައްދަލުކުރާނީ ލެސްޓަ ސިޓީއާއެވެ.