ފުޓްބޯޅަ، ފުޓްބޯޅައަށް ވުމުގައި ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އޭގެތެރެއިން އެއްސަބަބަކީ ރެފްރީން ހަދާ ގޯސްތަކުގެ ސަބަބުން ހައްގު ނޫން، "ނަސީބު" އިދިކޮޅު ޓީމަށް ލިބުމެވެ. ނަމަވެސް މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކޮށް ގޯސްތައް މިހާރު ވަނީ މަދުކޮށްފައެވެ.

ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވީއޭއާރްގެ ބައެއް ނިންމުންތަކަށް ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. އެންމެފަހުން އެ ފާޑުކިޔުންތައް އަމާޒުމިވަނީ ވަރުގަދަ ސްޕޭން ބަލިކޮށް ޖަޕާނުން މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކުރުމުންނެވެ.

ސްޕޭނާއި ޖަޕާނުން އެއްވަރުވެފައި ވަނިކޮށް ޖަޕާން މޮޅުކޮށްްދިން ލަނޑު ޖެހީ 51 ވަނަ މިނެޓްގައި ޖަޕާންގެ އައޯ ޓަނަކާ އެވެ. ޓަނަކާ އެލަނޑު ޖަހަން މަގުފަހިވި ބޯޅަ ޖަޕާންގެ ކައޮރޫ މިޓޮމާ ހުރަސް ކޮށްދިން އިރު ބޯޅަ އޮތީ ބޭރުވެފައި ކަމަށް ވީޑިއޯތަކުންނާއި ފޮޓޯތަކުން ފެނެއެވެ.

އެހެންކަމުން ވީއޭއާރް އިން ޖަޕާންގެ ލަނޑު އެއީ ލަނޑެއް ކަމަށް ބަލައިގަތީ ކީއްވެތޯ ބައެއް ފަރާތްތަކުން އަންނަނީ ސުވާލު ކުރަމުންނެވެ.

އެސުވާލަށް ފީފާ އިން ވަނީ ޖަވާބު ދީފައެވެ. ފީފާ އިން ބުނާ ގޮތުގައި ޖަޕާންގެ ކުޅުންތެރިޔާ ބޯޅަ ހުރަސްކޮށްލިއިރު ބޯޅަ އޮތީ މުޅިން ރޮނގުން ބޭރުނުވެއެވެ. ބޯޅައިގެ ކޮންމެވެސް މިންވަރެއް ލައިންގެ މަތީގައި އޮތް ކަމަށާއި އަދި އޭރު ބޯޅަ އޮތީ ބިމުގައި ޖެހިފައި ކަމަށް ނުވާތީ އެއީ ބޭރުވެފައި އޮތް ބޯޅައެއް ކަމަށް ނުނިންމޭނެ ކަމަށެވެ. ބޯޅަ ބޭރުނުވާ ކަމަށާއި ކުޅުން ކުރިއަށް ގެންދަން ވީއޭއާރް އިން ލަފާ ދިނީ އެހެންވެ ކަމަށް ފީފާއިން ބުނެއެވެ.

މިޓޮމާ ބޯޅަ ހުރަސް ކުރި ވަގުތު އެކި ދިމާތަކުން ނަގާފައިވާ ފޮޓޯތަކުގެ އޭންގަލްގެ ސަބަބުން ބޯޅަ ބޭރުވެފައި އޮތްހެން ހީވިނަމަވެސް ލައިން ބަލަހައްޓަން ހަރުކޮށްފައި ހުރި ކެމެރާތަކުން ކަށަވަރު ކުރެވޭ ގޮތުގައި ބޯޅަ އެއްކޮށް ލައިނުން ބޭރުވެފައެއް ނުވެއެވެ. އެހެންކަމުން ވީއޭއާރްގެ ނިންމުމުގައި ގޯހެއް ނެތް ކަމަށް ފީފާ އިން ބުނެއެވެ.

ނަމަވެސް ފީފާ އިން ބުނާ މިފަދަ ބުނުމެއްގެ މައްޗަށް ބިނާކޮށް ވީއޭއާރްގެ ބަހުސް ނިމިދާނެ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަލް

    ސްޕޭނާއި ޖަޕާނުން އެއްވަރުވެފައި ވަނިކޮށް ޖަޕާން މޮޅުކޮށްްދިން ލަނޑު ޖެހީ 51 ވަނަ މިނެޓްގައި ޖަޕާންގެ އައޯ ޓަނަކާ އެވެ. ލަދުވެތި ގޮތަކަށް އެލްޖީބީޓީ ޕްރޮމޯޓް ކުރަން މަސައްކަތް ކުރި ޖަރުމަނު އޭސިޔާގެ ޓީމެއް އަތުން ބަލިވެ ފުރަތަމަ ބުރުން ކެޓީ އެވެ. އިބުރަތަކަށް ފުދެއެވެ. ބޭރުގަ އޮތް ބޯޅައެއް ލަނޑަކަށް ވީ އެވެ.

    18
    1