ކެމަރޫންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އަދި ކެމަރޫންގެ ގައުމީ ޓީމާއި، ބާސެލޯނާއާއި، އިންޓަމިލާންގެ ކުރީގެ ސްޓްރައިކަރު ސެމުއެލް އެޓޫ، މީހެއްގެ ގައިގައި ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.

މި ވީޑިއޯ ނަގާފައިވަނީ ރޭ ބްރެޒިލްއާއި ދެކުނު ކޮރެއާ ކުޅުނު މެޗަށް ފަހު ގަތަރުގެ ސްޓޭޑިއަމް 974 ގެ ބޭރުގައެވެ.

ވީޑިއޯއިން ފެންނަނީ އެޓޫ ސްޓޭޑިއަމްގެ ބޭރުގައި ސަޕޯޓަރުންނާއެކު ފޮޓޯ ނަގަނިކޮށް އޭނާގެ ކައިރިއަށް މީހަކު އައިސް އޭނާގެ ވީޑިއޯ ކުރަމުން ދިޔަތަނެވެ. އެމީހާ އެޓޫއާ ދިމާލަށް ކޮންމެވެސް އެއްޗެކޭ ބުނާ ތަންވެސް ވީޑިއޯ އިން ފެނެއެވެ. އެޓޫ އަކީ މިއަހަރުގެ ގަތަރު ވޯލްޑްކަޕްގެ އެމްބަސެޑަރެއްވެސް މެއެވެ.

އެމީހާ އާއި އެޓޫ އާ މެދު ޒުވާބު ހޫނުވެ އެޓޫ އޭނާއާ ދިމާލަށް ދާން އުޅުމުން ކައިރީގައި ތިބި މީހުން އޭނާ ހިފަހައްޓަން މަސައްކަތް ކުރާ ތަން ފެނެއެވެ. އެމީހާ އޭރުވެސް ދިޔައީ އެޓޫގެ ވީޑިއޯ ނަގަމުންނެވެ. ނަމަވެސް އެޓޫ އަނެއްކާ ވެސް އޭނާއާ ދިމާލަށް ދާން އުޅުމުން އެމީހާ ވަނީ ތަންކޮޅެއް ދުރަށް ޖެހިފައެވެ.

އެޓޫއާ އެކު އުޅޭ ކަމަށް ބެލެވޭ އެހެން މީހަކު ވަނީ ވީޑިއޯ ކުރާ މީހާގެ އަތުން ކެމެރާ އަތުލުމަށް މަސައްކަތް ކޮށްފައެވެ. އަދި ކެމެރާ ވެއްޓުނު ވަގުތު އެ ނަގަން އެމީހާ ވަނީ ތިރިވެފައެވެ. މި ވަގުތު އެޓޫ ވަނީ އޭނާ ހިފަހައްޓައިގެން އުޅުނު މީހުންގެ އަތްދަށުން ސަލާމަތްވެގެން ގޮސް އެމީހާގެ މޫނުގައި ކަކުލުން ޖަހާ އެމީހާ ވައްޓާލާފައެވެ. ދެމީހަކު ވެގެން އަނެއްކާވެސް ވަނީ އެޓޫ އެތަނުން ދުރުކޮށްފައެވެ.

އޭގެ ފަހުން ހަމަލާ އަމާޒުވީ މީހާ ވަނީ އަމިއްލައަށް ކޮޅަށް ތެދުވެފައެވެ. ބަލާ ބެލުމަށް އެމީހާއަށް މާ ސީރިއަސް އަނިޔާއެއް ލިބިފައިވާކަމަކަށް ނުބެލެވެއެވެ.

އޭގެ ފަހުން އަލްޖީރިއާގެ ޔޫޓިއުބަރ އެއްކަމަށްވާ ސައީދު މަމޯނީ ވަނީ ވީޑިއޯ އެއް އާންމުކޮށް ކުރީގެ ވީޑިއޯގައި ފެންނަނީ އޭނާކަމަށް ބުނެފައެވެ. މި ވީޑިއޯގައިވެސް މަމޯނީ ހުންނަނީ ކުރިން ވީޑިއޯގައި އެޓޫ އާ ކުރިމަތިލީ މީހާ ލައިގެން ހުރި ހެދުމުގައެވެ. މި ވީޑިއޯގައި މަމޯނީ ބުނެފައިވަނީ އެ ހަމަލާގެ ރިޕޯޓް ކުރުމަށް އޭނާ ހުރީ ދޯހާގެ ފުލުހުންގެ މަރުކަޒެއްގައި ކަމަށެވެ. އޭނާ ވަނީ ހަލާކުވެފައިވާ ކެމެރާ ދައްކާލައިފައެވެ. އަދި އެޓޫ ވަނީ އޭނާގެ ދަތްދޮޅިއާއި މޭގައި ޖަހާފައިވާ ކަމަށް ބުނެފައިވެއެވެ.

މަމޯނީ ބުނެފައިވަނީ އޭނާ އެޓޫ ކައިރީގައި އެހީ މިއަހަރުގެ ކުރީކޮޅުގައި އޮތް އެފްރިކަން ކަޕް މުބާރާތުގައި އަލްޖީރިއާ އާއި ކެމަރޫން ކުޅުނު މެޗު ބެލެހެއްޓި ގެމްބިއާގެ ރެފެރީއަށް ރިޝްވަތު ދިނިންތޯ ކަމަށެވެ. އޭނާ މިހެން އެހުމުން އެޓޫ ގާތަށް ރުޅިއައިސްގެން އޭނާއަށް ހަމަލާ ދިނީ ކަމުގައި މަމޯނީ ވަނީ ބުނެފައެވެ.

އެޓޫ އަކީ ހަތަރު އަހަރު އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިޔެކެވެ. އަދި އޭނާއަކީ ކެމަރޫންގެ ގައުމީ ޓީމަށް ދެވަނައަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާއެވެ. އެންމެ ގިނަ މެޗު ކުޅެދީފައިވަނީ ކެމަރޫންގެ މިހާރުގެ ކޯޗު ރިގޮބާޓް ސޮންގްއެވެ.