މޮރޮކޯގެ އަމާޒަކީ އެފްރިކާ އާއި މުސްލިމުންގެ ޝަރަފުގައި ލޯ މެޑަލްއެއް ހޯދާ ތިން ވަނައާއެކު މުބާރާތް ނިންމާލުންް ކަމަށް އެ ޓީމުގެ ކޯޗު ވާލިދް ރެގްރަގީ ބުނެފިއެވެ.

ވޯލްޑް ކަޕްގެ ސެމީފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރި މޮރޮކޯ ސެމީގައި ވަނީ ފްރާންސް އަތުން 2-0 އިން ބަލިވެފައެވެ. އަދި މުބާރާތުގެ އެންމެފަހުގެ ރަނަރަޕުން ކަމަށްވާ ކްރޮއޭޝިއާ ސެމީގައި ބަލިވީ އާޖެންޓީނާ އަތުން 3-0 އިންނެވެ.

މޮރޮކޯއިން ގަތަރު ވޯލްޑް ކަޕް 2022ގެ ތިންވަނަ ހޮވާ މެޗުގައި މިރޭ ނުކުންނާނީ 2018 ވަނަ އަހަރު ރަޝިއާ ވޯލްޑް ކަޕްގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށެވެ. ދެ ޓީމުން މި ފަހަރުގެ ވޯލްޑް ކަޕަށް އެއް ގްރޫޕެއްގައި ނުކުތް އިރު، ގްރޫޕް ސްޓޭޖުގައި ދެ ޓީމުން ކުޅުނު މެޗު ގޯލެއް ނުޖެހިވީ އެއްވަރެވެ. ރެގްރަގީގެ ނަޒަރުގައި މިރޭގެ މެޗާ، އެ މެޗާ ވަރަށް ބޮޑަށް ތަފާތުވާނެއެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ވާލިދް ބުނީ ކޮންމެ މެޗެއް ވެސް މޮރޮކޯ އަށް މުހިއްމު ކަމަށާއި އެގޮތުން އެކުވެރިކަމުގެ މެޗެއް ވެސް އެޓީމަށް ވާނީ މުހިއްމު މެޗަކަށް ކަމަށެވެ. ސަޕޯޓަރުންނަށްޓަކައި މެޗުތަކުން މޮޅުވާން ބޭނުންވާ ކަމަށާއި އަމާޒަކީ މުބާރާތުގެ ތިންވަނަ ހޯދުން ކަމަށް ރެގްރަގީ ބުންޏެވެ.

ރެގްރަގީ ބުނީ މޮރޮކޯ އިން ބޭނުންވީ މިރޭގެ މެޗަށް ވުރެ ބޮޑަށް މާދަމާ ރޭ އޮންނަ މުބާރާތުގެ ފައިނަލްގައި ކުޅުމަށް ކަމަށެވެ. ނަމަވެސް މޮރޮކޯ ކުޅުންތެރިން މުބާރާތުގައި ކުރި މަސައްކަތާއި މެދު ފަހުރުވެރިވާ ކަމަށާއި ޕޯޑިއަމް މަތީގައި ތިބެން ބޭނުންވާ ކަމަށްވެސް ރެގްރަގީ ބުންޏެވެ.

"އަހަރެމެން ހަގީގަތުގައި ބޭނުންވީ ފައިނަލްގައި ކުޅެން. އެކަމަކު ދެން އޮތީ ތިންވަނަ ހޯދުން. އަހަރެމެން ބޭނުންވަނީ އެފްރިކާ އާއި މުސްލިމުންގެ ޝަރަފުގައި ޕޯޑިއަމްގައި ނިންމާލަން. ވަރަށް ބޮޑަށް ވަރުބަލިކަން އެބަހުރި. އެހެންވީމަ މެޗުން މޮޅުވާން އުނދަގޫތަކެއް ހުންނާނެ. ނަމަވެސް އަދި އަހަރެމެންގެ ކުޅުންތެރިންގެ ހިތްވަރަށް ބަދަލެއް ނާދޭ. އަހަރެމެން ޓީމު އޮތީ ތިންވަނައަށް ބޭނުވެފައި، " ފްރާންސަށް އުފަން، ކުރިން މޮރޮކޯ ގައުމީ ޓީމަށްވެސް ކުޅުނު ރެގްރަގީ ބުންޏެވެ.

މޮރޮކޯއަކީ މި މުބާރާތުގައި އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރުނު ޓީމެވެ. އެފްރިކާގެ ޓީމުތަކުގެ ތެރެއިން ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް މިހާތަނަށް ދެވުނު ހަމައެކަނި ޓީމަކީ މޮރޮކޯއެވެ. މުޅި މުބާރާތުގައި ވެސް އެ ޓީމު ކޮޅަށް ވަދެފައި ވަނީ އެންމެ ތިން ލަނޑެވެ. އެއީ ގްރޫޕް ސްޓޭޖްގައި ކެނަޑާ އިން ޖެހި ގޯލާއި ސެމީ ފައިނަލްގައި ފްރާންސުން ޖެހި ދެ ގޯލެވެ.

ކްރޮއޭޝިއާއާ ދެކޮޅަށް މޮރޮކޯ ކުޅޭ ބްރޯންޒް ފައިނަލް މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން އަށެއް ޖަހާއިރުއެވެ.