ޅ. ހިންނަވަރު ފުޓުބޯޅަ ޗެންޕިއަންޝިޕް 2023 މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި މާފަރު އެފްސީ ބަލިކޮށް ނައިފަރު ޗެލްސީ އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ހިންނަވަރު ފުޓުބޯޅަ ދަނޑުގައި އިއްޔެ ކުޅުނު މެޗު ނައިފަރު ޗެލްސީން ކާމިޔާބު ކުރީ 0-7 ގެ ނަތީޖާއިންނެވެ.

ނައިފަރު ޗެލްސީގެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ނައިފަރު ޓީމުން ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ.

ފޯރިގަދަކޮށް ދިޔަ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މާފަރާއި ނައިފަރު ޗެލްސީ ބައްދަލުކުރި މެޗު ވެސް 0-2 ން ކާމިޔާބު ކުރީ ނައިފަރު ޗެލްސީއެވެ.

މުބާރާތުގެ ދެވަނަ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރެވެ. މި މެޗުގައި ބައްދަލު ކުރާނީ ހިންނަވަރު އެސް.ސީއާއި އޮޅުވެލި ފުށި ރޭމަންސްއެވެ.

ހިންނަވަރު ޗެންޕިއަންޝިޕްއަކީ ހިންނަވަރު ހިރިޔާއިން އިންތިޒާމް ކޮށްގެން ހިންގާ މުބާރާތެކެވެ. މިއި މި މުބާރާތް ބާއްވާ 3 ވަަނަ އަހަރެވެ. ޗެމްޕިއަން ޓީމަށް އިނާމު ފައިސާގެ ގޮތުގައި 60000ރ ހުށައަޅައިގެން ކުރިއަށް ގެންދާ މި މުބަރާތުގައި ރާއްޖޭގެ މައްޝޫރު ފުޓުބޯޅަ ކުޅުންތެރިންގެ އިތުރުން ރާއްޖެއިން ބޭރުގެ ކުޅުންތެރިންވެސް ކުޅެއެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ހިންނަވަރު ފުޓުބޯޅަ ޗެންޕިއަންޝިޕް 2023 ފޭސްބުކް ޕޭޖުން ލައިވް ކުރާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ.