ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓަރ ސިޓީއާއި އާރް.ބީ ލޭޕްޒިގް ބައްދަލުކުރި ގަދަ 16ގެ ދެވަނަ މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ،

މެންޗެސްޓަރ ސިޓީގެ އެއްތިހާދް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު މެންޗެސްޓަރ ސިޓީން ކާމިޔާބު ކުރީ 0-7ގެ ނަތީޖާއަކުންނެވެ. އެއީ 1-8ގެ އެގްރިގޭޓް ނަތީޖާއެކެވެ.

މި މެޗުގައި މެންޗެސްޓަރ ސިޓީއަށް ފުރަތަމަ ލީޑު ނަގާދިނީ މެޗުގެ 22ވަަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އާރް.ބީގެ ބެންޖަމިން ހެންރިޗްސް އަތުގައި ބޯޅަޖެހުމުން ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ހާލަންޑުއެވެ.

ފުރަތަމަ ގޯލު ޖެހިތާ ދެ މިނެޓު ނުވަނީސް ސިޓީގެ ލީޑު ފުޅާކޮށްދިނީވެސް ހާލަންޑުއެވެ. މެޗުގެ 24ވަނަ މިނެޓުގައި ޑީބްރެއެނާ ޖެހި ބޯޅަ ގޯލު ދަނޑީގައި ޖެހިފަ ނިކުތުމުން ބޮލުން ހާލަންޑް ގޯލަށް ފޮނުވާލިއެވެ.

ފުރަތަމަ ހާފުގެ ވަގުތު ހަމަ ވުމުން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނެޓު ނިމެން ދަނިކޮށް ކެވިން ޑިބްރޮއިނާ ނަގާދިން ކޯނަރު ރުބެން ޑިއާސް ބޮލުން ގޯލަށް ފޮނުވާލި ބޯޅަ އާރް.ބީގެ ކީޕަރު އޭރިޔާ ތެރެއަށް ބައުންސްކޮށްލުމުން ހާލަންޑް ވަނީ އެ ބޯޅަ ގޯލަށް ފޮނުވާލާ އޭނާގެ ހެޓްރިކް ހަދާފައެވެ.

ދެވަނަ ހާފު ފަށައިގެން 49ވަނަ މިނެޓުގައި ސިޓީގެ ކެޕްޓަން ގުންޑެގާން ވަނީ ސިޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ކުޑަ ވަގުތު ކޮޅެއްފަހުން މެޗުގެ 53ވަނަ މިނެޓުގައި ސިޓީގެ ފަސްވަނަ ލަނޑު ހާލަންޑް ކާމިޔާބުކޮށްދިން އިރު، އޭނާގެ ފަސްވަނަ ގޯލު މެޗުގެ 57ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނެވެ. އަދި މެޗުގެ ފަހު ވަގުތު ކެވިން ޑިބްރޮއިނާ ޖަހާދިން ގޯލާއެކު މެޗުގެ ނަތީޖާ 0-7އަށް ބަދަލުކޮށްލިއެވެ.

ހާލަންޑް މި މެޗުގައި ޖެހި 5 ގޯލާއެކު، ޗެމްޕިއަންސް ލީގުގައި ހާލަންޑް ކުޅުނު 25 މެޗުން 33 ގޯލު ކާމިޔާބުކޮށްދީ އެއް ސީޒަނެއްގައި ސިޓީއަށް އެންމެ ގިނަ ގޯލު ޖަހާދިން ކުޅުންތެރިޔާގެ ރެކޯޑު ވަނީ މުގުރާލާފައެވެ. އުމުރުން 22 އަހަރުގެ ހާލަންޑް މި މެޗުގައި ހެދި ހެޓްރިކާއެކު އޭނާ ވަނީ ޗެންޕިއަންސް ލީގުގެ ގޯލު ޗާޓުގައި ފުރާންސްގެ ތިއަރީ އޮންރީއާއި، އިންގްލެންޑުގެ ވޭން ރޫނީ އަދި ބުރަޒިލްގެ ލެޖެންޑް ރޮނާލްޑޯ ފަހަތަށް ޖައްސާލާފައެވެ.