އިންޑޮނޭޝިއާގައި ބާއްވަން ނިންމާފައި އޮތް 20 އަހަރުން ދަށުގެ ފިރިހެން ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން އިސްރާއީލްގެ ފުޓްބޯޅަ ޓީމަށް ފުރުސަތު ނުދޭން އިންޑޮނޭޝިއާ އިން ނިންމުމުން ފީފާ އިން ފިޔަވަޅު އަޅައިފިއެވެ. ފީފާ އިން މިހާރު ވަނީ އިންޑޮނޭޝިއާގައި ބާއްވަން ނިންމި މުބާރާތް އެގައުމުގައި ނުބާއްވަން ނިންމާފައެވެ.

ފީފާ އިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ކަންކަން ހުރި ގޮތުން އިންޑޮނޭޝިއާގައި 20 އަހަރުން ދަށުގެ ވޯލްޑްކަޕް ނުބާއްވަން ނިންމާފައިވާ ކަމަށެވެ. މުބާރާތް ބާއްވަން ނިންމާފައި އޮތް ތާރީޚަށް ބަދަލެއް އަދި ނުގެންނަ ކަމަށާއި މުބާރާތް ބާއްވާނެ ގައުމެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ފީފާ އިން ބުނެއެވެ.

ޖުމްލަ 24 ގައުމެއްގެ ޓީމްތައް ބައިވެރިވާ މުބާރާތް ބާއްވަން ތާވަލް ކުރީ އިންޑޮނޭޝިއާގެ ހަ ސިޓީއެއްގައެވެ. މުބާރާތް ތާވަލް ކުރީ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖޫން 11 ވަނަ ދުވަހަށެވެ. މިއީ އިސްރާއީލް މިމުބާރާތައް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލް މުބާރާތުގައި ބައިވެރިވާން އިންޑޮނޭޝިއާއަށް އައުމާއި އެގައުމުގެ މައި ސަރުކާރުން ދެކޮޅު ނުހެދި ނަމަވެސް އިސްރާއީލަށް މަރުހަބާ ކިޔަން ދެކޮޅު ހަދަނީ ބާލީ އިންނެވެ. ބާލީ އަކީ އިސްރާއީލްގެ ބައެއް މެޗްތައް ވެސް ކުޅުމަށް ހަމަޖެހިފައިވާ ސިޓީއެކެވެ. ބާލީގެ ގަވަރުނަރު ވަނީ އިސްރާއީލަށް މަރުހަބާ ނުކިޔާނެކަން އަންގައި އިސްރާއީލްގެ ސްޕޯޓްސް މިނިސްޓަރަށް ސިޓީއެއް ފޮނުވާފައެވެ.

އިންޑޮނޭޝިއާގެ ރައީސް ޖޮކޯ ދެއްވި ހިޠާބެއްގައި ވިދާޅުވީ އިންޑޮނޭޝިއާ އޮންނާނީ އަބަދުވެސް ފަލަސްތީނާއި އެކުގައި ކަމަށާއި ނަމަވެސް އިންޑޮނޭޝިއާ އިން ފީފާގެ އުސޫލުތަކަށް ވެސް ތަބާވާން ޖެހޭނެ ކަމަށެވެ.

އިންޑޮނޭޝިއާ އަކީ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ. އެގައުމުގެ މުސްލިމުންގެ އާބާދީ 270 މިލިއަނަށް އަރައެވެ. އިސްރާއީލާއި ދެމެދު އެއްވެސް ހާރިޖީ ގުޅުމެއް އިންޑޮނޭޝިއާ އިން ނުބާއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކަހުރަބު

    ވައިރަސް އިޝްރާހެލް އަރުވަން ހެޔޮނުވާނެ ، ބާލީ އަށް އައްސަރިބަހާ ސާބަަސް

    63
    1
  2. ހުސޭނުބޭ

    ފީފާއަކަށް ނުފެނޭ ތި އިސްރާޢީލުން ހިންގާ އިންސާނީ ޖަރީމާތަކެއް!

    65
    1
  3. ރެފްރީ

    ދެންކީއްވެ ގަތަރުގަކުޅުނު ވޯލްޑްކަޕުން ރަޝިޔާއަށްފުރުސަތުނުދިނީ ؟؟

    55
    5
  4. ޖަޑިބު

    ފީފާތީ ބޮޑުބަލާއެއް ރަސިއާއާ ދެކޮޅައް ފިޔަވަޅުއެޅޭ އެކަމަކު އިސްރާއީލް އޯކޭ އެހެންވީމަ އިސްރާއިލުން ހިންގާ ހުރިހާ ޖަރީމާއަކައް ފީފާއިން ތާއީދް ކުރަނީތާ

    13