ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީ ލަނޑު ޖެހުމަށް ހުއްޓުމެއް ނާންނާނެ ކަމަށާއި، އޭނާ އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި މެސީގެ ފަރާތުން ގިނަ ގޯލުތަކެއް ފެނިގެން ދިޔުން ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.

އޭނާ މިހެން ބުނީ ގައުމީ ޓީމަށް މެސީ 100 ލަނޑު ހަމަކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން އާޖެންޓީނާ އިން ކިއުރަކާއޯއާ ދެކޮޅަށް ކުޅުނު ބައިނަލްއަގްވާމީ ރަހުމަތްތެރިކަމުގެ މެޗުގައި ހެދި ހެޓްރިކާއެކު ގައުމީ ޓީމަށް މެސީ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 102 އަށް އަރައިފައެވެ. އެއާއެކު މެސީ އަކީ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް 100 ލަނޑު ޖަހައިދީފައިވާ ހަމައެކަނި ކުޅުންތެރިޔާއަށް ވަނީ ވެފައެވެ.

އެކަމާ ގުޅޭގޮތުން ސްކަލޯނީ ބުނީ މެސީއަކީ މުޅި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާކަން އޭނާ ކުޅޭ ކޮންމެ މެޗަކުން ސާބިތުކޮށްދެމުން އަންނަ ކަމަށެވެ. އަދި ސްކަލޯނީ ބުނީ މެސީ 102 ލަނޑު ޖެހުމާ ގުޅިގެން އިތުރު ލަނޑުތަކަކަށް އުންމީދު ކުރާ ކަމަށް ވެސް ކޯޗު ބުންޏެވެ.

އޭނާ ބުނީ އަގުވަޒަންކުރުމުގެ އެންމެހާ ކަންކަން މެސީ އަށް ހައްގު ކަމަށާއި، އާޖެންޓީނާގެ އަމިއްލަ ފަސްގަނޑުގައި ކުޅުނު މެޗެއްގައި މެސީ އަށް އެ ޝަރަފު ލިބުމަކީ ވެސް ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ސްކަލޯނީ ބުނީ ދެން ތައްޔާރުވާނީ އެންމެ އަވަހަށް އޮންނަ މުބާރާތަކަށް ކަމަށާއި، އޭގެ ކުރިން ޓީމެއްގެ ގޮތުގައި ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެނަލިސްޓް

    އެންމެ ފަހުގެ ދުނިޔޭގެ ޗެމްޕިއަނުން ކެރީބިއަން ޓީމަކާކުޅެ 7-0 ކުން މޮޅުވިއިރު ފީފާ ރޭންކިންގ 79 ވަނާގައި އޮތް ޓީމެއް އެއީ.
    ކެނެޑާ އަތުން ބަލިވީ 4 ސުމަކުން. އަޖެކްސް އަތުން ބަލިވީ 5-1 ކުން. ލިބުނީ އެންމެ މޮޅެއް. އެއީ ހޮންޑިއުރަސް އަތުން 1-0ކުން ވީ މޮޅު. ދެން ކޮބާތަ އާޖެންޓީނާ 7 ލަނޑު ނުޖެހެންވީ ސަބަބެއް. 10 ލަނޑުވެސް ޖެހޭނެ. އެވަރަށް ފުރުސަތު ލިބި ބޭކާރުވީ.

    • ޑެނީ

      ރާއްޖެ ކޮޅަށް 17 ގޯލް ޖެހި ޓީމް ދާއީ ޖެހި ގޯލް ތައްވެސް ކައުންޓް ކުރީތާ ސޯ މެސީ ބޫޓާން ދެކޮޅަށް ކުޅުނަސް ޖަހާ ކޮންމެ ގޯލެއް ބަލައި ގަންނާނެ ތާރީހް ނުބުނާނެ މިވެނި ޓީމަކާ ކުޅެގެންނެކޭ