މި ރަމަޟާން މަހު ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން "ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1444" ގެ ފައިނަލަށް އެކްސްޓްރީމް ޓައިގާސް ދަތުރުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލަށް އެކްސްޓްރީމް ޓައިގާސް ދަތުރު ކުރީ ޕެނަލްޓީގައި ފެނޮމިނަލްސް ބަލި ކުރުމަށް ފަހުގައެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު ވެސް 3-3 އިން ވަނީ އެއްވަރުވެފައެވެ. އެހެންވެ، ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

އެކްސްޓްރީމް ޓައިގާސް އަދި ފެނޮމިނަލްސް ބައްދަލު ކުރި މެޗު. --- ފޮޓޯ: އެޗްވައިއެމް

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ލީޑް ނެގީ ފެނޮމިނަލްސްއެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށް ދީފައި ވަނީ އިބްރާހިމް ނިޔާޒް (އައްކޮ) އެވެ. އޭގެ އިރުކޮޅެއް ފަހުން އެކްސްޓްރީމް ޓައިގާސްގެ އަބާން މުހައްމަދު ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އަބާން ވަނީ އިތުރު ލަނޑެއް ޖަހައި އެކްސްޓްރީމް ޓައިގާސް އަށް ލީޑް ނަގައި ދީފައެވެ.

މިއީ މުބާރާތުގައި އަބާން ޖެހި 12 ވަނަ ލަނޑެވެ.

ފެނޮމިނަލްސް އިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުޓްސަލްގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަލީ ފަހީމް (ކޮއްޓި)އެވެ.

އެކްސްޓްރީމް ޓައިގާސް އަދި ފެނޮމިނަލްސް ބައްދަލު ކުރި މެޗު. --- ފޮޓޯ: އެޗްވައިއެމް

އޭގެ ފަހުން، ދެން ފެނުނީ ފެނޮމިނަލްސް އިން އަނެއްކާ ވެސް ލީޑް ނެގި ތަނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ނަސްރުﷲ އަލީއެވެ. މެޗު ނިމުމުގެ ކުރިން އެކްސްޓްރީމް ޓައިގާސް އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް މުހައްމަދު މުސްތަފާ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޕެނަލްޓީގައި އެކްސްޓްރީމް ޓައިގާސް މޮޅުވީ 10-9 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެކްސްޓްރީމް ޓައިގާސްގެ ކީޕަރު ހުސެއިން ޒިނާހްއެވެ.

މުބާރާތުގެ ފައިނަލްގައި އެކްސްޓްރީމް ޓައިގާސް ނުކުންނާނީ ބުލް ޝާކްސްއާ ދެކޮޅަށެވެ. ބުލް ޝާކްސް ފައިނަލަށް ދަތުރު ކުރީ 5-1 އިން ވުލްފް ގޭންގް ބަލިކޮށްގެންނެވެ.

އެކްސްޓްރީމް ޓައިގާސް އަދި ފެނޮމިނަލްސް ބައްދަލު ކުރި މެޗު. --- ފޮޓޯ: އެޗްވައިއެމް

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މާދަމާ ރޭއެވެ. ފައިނަލް މެޗު އެޗްވައިއެމްގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ފެށި މުބާރާތުގައި މިފަހަރު 10 ޓީމު ބައިވެރިވިއެވެ. އޭގެ ތެރޭގައި ދައުވަތު ދީގެން މުބާރާތުގައި މުޅިން އަލަށް ބައިވެރިވާ ހަތަރު ޓީމު ހިމެނެއެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލާއި ކްލަބް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ފޮރެންސިކް ފްރެންޑްސް އަދި އިންވެސްޓިގޭޝަން ފްރެންޑްސްއެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދުގެ ތެރޭގައި ޖަމިއްޔާގައި ހިމެނޭ މެމްބަރުންގެ މެދުގައި ގުޅުން ބަދަހި ކުރުމާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މުއައްސަސާތަކުގެ ގުޅުން ބަދަހި ކުރުން ހިމެނެއެވެ.

ފުޓްސަލް މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިނެވެ.