ޒުވާން އަންހެނަކާއިއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ޖަލަށް ލެވުނު ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޑެނީ އަލްވޭސް، އެ މައްސަލައިގައި އަނެއްކާ ވެސް އިތުރު ބަޔާނެއް ހޯމަ ދުވަހުގައި ނެރެފިއެވެ.

ނިމިދިޔަ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހުގައި ބާރސެލޯނާގެ ސަޓަން ނައިޓް ކްލަބްއިން ދިމާވި އަންހެން މީހަކު ވަނީ އަލްވޭސްގެ މައްޗަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކޮށްފައިވެއެވެ. މި މައްސަލައިގައި ޖަނަވަރީ މަހުގައި އަލްވޭސްގެ މައްޗަށް ވަނީ ކޯޓު އަމުރެއް ނެރެފައެވެ. އެއަށްފަހު، އަލްވޭސް ވަނީ ކަފާލާތެއް ނުލިބި 3 މަސް ދުވަހުގެ މުއްދަތެއް ޖަލުގައި ހޭދަކޮށްފައެވެ.

އަލްވޭސްގެ ބަޔާން ބަދަލުކުރަމުންދާއިރު، އަނިޔާ ލިބުނު ފަރާތުގެ ބަޔާނަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް 'މަރކާ'އިން ރިޕޯޓްކޮށްފައިއެވެ.

އަލްވޭސް ބުނިގޮތުގައި އޭނާއާއި އަންހެން މީހާއާއި ދެމެދު ނައިޓްކްލަބްގެ ފާހާނާ ތެރޭގައި ކުރެވުނު ކަމަކީ ދެމީހުންގެ ވެސް ރުހުމުގައި ކުރެވުނު ކަމެއް ކަމަށާއި އޭނާ އެ އަންހެން މީހާއާއި ގަދަކަމުން ބެހިފައި ނުވާނެ ކަމަށެވެ.

މި މައްސަލަ ބަލަމުންދާ ގާޟީއަށް އަލްވޭސް ހުށަހަޅާފައިވާ ބަޔާންތަކުގައި މި ވާހަކަ ތަކުރާރުކުރެވުނަސް، އޭނާ ހުށަހެޅި ކޮންމެ ބަޔާނެއްގައި ކުށް ހިނގާފައިވާ ގޮތް ގެނެސްދީފައިވަނީ ތަފާތުކޮށް ކަމުގައި 'މާރކާ' އިން ރިޕޯޓްކޮށްފައިވެއެވެ. މިކަމާއި ބެހޭގޮތުން އަލްވޭސްގެ ޤާނޫނީ ވަކީލުން މެދުވެރިކޮށް ނެރުނު އެންމެ ފުރަތަމަ ބަޔާނުގައި ބުނެފައިވާ ގޮތުގައި އޭނާ ވަކި އެއްޗެއް ބުނަން ފަސްޖެހުނީ އަނބިމީހާ ޖޮއާނާ ސާންޒްއަށް އޭނާގެ ބޭވަފާތެރިކަން ހާމަނުކޮށްދެވޭތޯ މަސައްކަތް ކުރަން އުޅުމުގެ ނިޔަތުގެ ތެރެއިން ކަމަށެވެ.

އަލްވޭސްގެ ބަޔާންތައް އަންހެން މީހާ ހުށަހެޅި ހެކިތަކާއި ފުށުއަރާ ކަމުގައި މާރކާއިން ރިޕޯޓްކޮށްފައިވެއެވެ. އަންހެން މީހާގެ ފައިގެ ކަކޫއަށް ލިބިފައިވާ ޒަހަމްތަކަށް ޑިސެމްބަރ 30 ވަނަ ދުވަހުގައި ބާސެލޯނާގެ ހޮސްޕިޓަލެއްގައި ފަރުވާ ކުރި ކުރުމާއި، އެ ކަންތައް ހިނގި ފާހާނާ ތެރެެއިން ފެނިފައިވާ އަންހެން މީހާގެ އިނގިލީގެ ނިޝާންތަކާއި ބެހޭގޮތުން ސުވާލުކުރުމުން ވެސް އަލްވޭސް ވަނީ އެކަމަށް ފުރިހަމައަށް ޖަވާބުދާރީ ނުވެވިފައިއެވެ. އަދި ދިފާއުގައި އޭނާ ބުނެފައިވަނީ އަންހެންމީހާގެ ކަކުލަށް ޒަހަމްތައް ލިބިފައިވަނީ އެ އަމަލު ހިންގުމުގެ ތެރެއިންނެވެ.

މި މައްސަލައާއި ގުޅިގެން އަލްވޭސް ކުޅެމުންދިޔަ ކްލަބްއިން ވަނީ އޭނާއާއި އެކީ ހަދާފައިވާ އެއްބަސްވުން އުވާލާފައިއެވެ. އަދި އަލްވޭސްގެ އަނބިމީހާ ވެސް އޭނާއާއި އޮތް ގުޅުން ކަނޑާލާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.