ބާސެލޯނާ ދޫކޮށްލާކަން ބްރެޒިލްގެ ރައިޓް ބެކް ޑެނީ އަލްވޭސް ހާމަކޮށްފިއެވެ.

މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބާސާއާއެކު އަލްވޭސް ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އެ ކްލަބުން ވަނީ އޭނާގެ އެއްބަސްވުން ހަމަނުކޮށް ދޫކޮށްލަން ނިންމާފައެވެ.

މިއާއެކު މިރޭ އަލްވޭސް އޭނާގެ އިންސްޓަގްރާމްގައި ބުނެފައި ވަނީ، ބާސާގައި އޭނާ ހޭދަކުރި އުފާވެރި ދުވަސްތައް ނިމުމަކަށް ގެންނަން ޖެހިފައިވާ ކަމަށާއި، އެދެނީ ބާސާގައި މިހާރު ތިބި ކުޅުންތެރިން އެ ކްލަބް އެންމެ އުހަށް ގެންދާނެ ކަމަށެވެ.

ނަމަވެސް ބާސެލޯނާ ދޫކޮށް އަލްވޭސް ބަދަލުވާނެ ކްލަބެއް އަދި ކަށަވަރެއް ނުވެއެވެ. ބެލެވޭ ގޮތުގައި އޭނާ ވަނީ ބަދަލުވާނެ ކްލަބެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައެވެ.

މީގެކުރިން ސެވިއްޔާއަށް ކުޅެފައިވާ އަލްވޭސް ބާސާގައި އޭނާގެ ކެރިޔަރު ފަށާފައި ވަނީ 2008 ވަނަ އަހަރުގެ ސީޒަނުގައެވެ. މިގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 391 މެޗުގައި 21 ލަނޑު ލަނޑު ކާމިޔާބުކޮށް، ހަ ލަލީގާ، ހަތަރު ކޮޕަޑެލްރޭ އަދި ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ބާސާ ދޫކޮށް އަލްވޭސް 2016 ވަނަ އަހަރުގެ ސީޒަނުގައި ޔުވެންޓަސްއަށް ބަދަލުވެ އެ ކްލަބުގައި އެއް ސީޒަން ހޭދަކޮށްފައިވާއިރު، އޭނާ ދެން ބަދަލުވީ ޕީއެސްޖީއަށެވެ. މިގޮތުން ޕީއެސްޖީގައި ދެ ސީޒަން ހޭދަ ކުރުމަށްފަހު އަލްވޭސް ވަނީ ސައޮ ޕައުލޯއަށް ބަދަލުވެ އެ ކްލަބުގައި ތިން ސީޒަން ހޭދަކޮށްފައެވެ.

ބްރެޒިލްއާއެކު ދެ ކޮޕާ އެމެރިކާ އަދި ދެ ފީފާ ކޮންފެޑެރޭޝަންސް ކަޕް ކާމިޔާބުކޮށްފައިވާ އަލްވޭސް އެނބުރި ބާސާއަށް ބަދަލުވެފައިވަނީ ނިމިދިޔަ ސީޒަނުގައެވެ. މިގޮތުން އޭނާ ވަނީ ކްލަބުގައި މޮޅު ކުޅުމެއް ދައްކާފައެވެ.