މިލަންދޫގައި ބޭއްވޭ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް ކަމުގައިވާ މިލަންދޫ ކައުންސިލް ކަޕް ފަށައިފިއެވެ.

މިމުބާރާތް ފެށިފައިވަނީ މިމަހުގެ 22ވަނަ ދުވަހުއެވެ. މިއީ މި މިބާރާތް ކުރިޔަށް ގެންދާ ދެވަނަ އަހަރެވެ.

ކުލަގަދަ ރަސްމިއްޔާތަކުން ފެށުނު މިމުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ރިޟާއާއި މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފްއެވެ.

މިލަންދޫ ކައުންސިލް ކަޕުގައި ޖުމުލަ 07 ޓީމު ވާދަކުރާއިރު، މުބާރާތް ކުރިޔަށް ދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓިމަކާއި ކުޅޭގޮތަށެވެ. އަދި އެޔައްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ހަތަރު ޓީމު ގެ މެދުގައި ސެމީ ފައިނަލް ކުޅެވޭނެއެވެ. މި މުބާރާތުގެ މެޗުތަށް ކުރިޔައް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ރޭގަނޑުއެވެ.

މި މުބާރާތުގައި މިލަންދޫގެ ހުނަރުވެރި ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ ފުޓްސަލްގައި ފާހަގަކުރެވޭ ގިނަ ކުޅުންތެރިންތަކެއް ކުޅެއެވެ. އެގޮތުން އަޔާ، ޝާކާ، ޖުންމަ، ހަމްބެގެ އިތުރުން ކުޑައްޓޭ ފަހަގަކޮށްލެވެއެވެ. މީގެ އިތުރުން މި މުބާރާތުގައި ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ ބޮޑެތި ފުޓްސަލް މުބާރާތްތައް ކަމުގައިވާ ގޯލްޑަން ފުޓްސަލް މުބާރާތާއި ޓެކާސްގެ މުބާރާތް ތަކުގައި ރެފްރީކަންކޮށް ދެއްވާފައިވާ ތަޖުރިބާ ކާރު ރެފްރީންނެވެ.

ކައުންސިލް ކަޕުގެ ލައިވް ސްޓްރީމް ޕާޓްނަރގެ ގޮތުގައި ހަރަކާތް ތެރިވާނީ މިލަންދޫއަށް ނިސްބަތްވާ ގްރިން ކާޕެޓް އިވެންޓްސްއެވެ. އެގޮތުން ހުރިހާ މެޗެއް ފޭސްބުކް އަދި ޔޫޓިއުބުން ލައިވް ކުރެވިގެން ދާއިރު، މެޗުތަކުގެ އެންމެ ފަހުގެ އަޕްޑޭޓުތައް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން ޓޮޕް ސްކޯރާވެސް ވަގުތުން އަޕްޑޭޓް ވަމުން ދާނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ލިބިގެން ދާއިރު ރަނަރަޕް ޓީމަށް 15،000 ރުފިޔާ ލިބިގެން ދާނެއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މޭމަހުގެ 01 ވަނަ ދުވަހު ރޭގަނޑު 21:30ގައެވެ.