ޕީއެސްޖީގެ ކޯޗް ކްރިސްޓޯފް ގަލްޓިއޭގެ ރުހުމާ ނުލައި އެ ޓީމުގެ ފޯވާޑް ލިއޮނަލް މެސީ ސައުދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވާ ކަމަށް ބޭރުގެ ކުޅިވަރު ޚަބަރުތަކުން ރިޕޯޓްކޮށްފިއެވެ.

ފްރާންސްގެ މީޑިއާއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެސީގެ މި ދަތުރަށް ކޯޗް ގަލްޓީއޭ އާއި ޕީއެސްޖީގެ ފުޓްބޯލް އެޑްވައިޒަރު ލުއީސް ކޭމްޕޯސް ވަނީ ދެކޮޅު ހަދައިފައެވެ. ނަމަވެސް، ކްލަބްގެ ގަތަރު ބޯޑުގެ ހުއްދައާއެކު، މެސީ ވަނީ ސައުދީއަށް ދަތުރުކޮށްފައެވެ.

މެސީއާއި އާއިލާއިން ސައުދީއަށް ދަތުރުކުރުމުން، ސައުދީގެ ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު އަލް ޚަތީބް ވަނީ ސައުދީގައި އޭނާ ހޭދަކުރާ ދެވަނަ ޗުއްޓީއަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

"ސައުދީއަކީ މިހާ ފެހި ތަނެއްކަން ކާކު ހިތަށް އަރާނީ؟ ވަގުތު ވާ ވަރަކަށް ސައުދީގެ އަޖައިބުކުރުވަނިވި ވޮންޑަރސް ބަލާލާހިތްވޭ" މެސީ އިންސްޓަގްރާމްގައި ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީން ޙާއްސަ އެމްބެސެޑަރެއްގެ ގޮތުގައި ކަނޑައަޅާފައިވާ މެސީ ސައުދީއަށް ދަތުރުކޮށްފައިވަނީ އޭނާގެ އަނބިމީހާ އެންޓޮނޭލާ ރޮކޫޒޯ އާއި ކުދިންނާއެކުގައިއެވެ.

މެސީ ސައުދީއަށް ދަތުރުކޮށްފައި ވަނީ ޕީއެސްޖީއިން އަމިއްލަ ދަނޑުގައި ލޯރިއާންއާއި ދެކޮޅަށް ކުޅުނު އެންމެ ފަހު މެޗްގައި ހޯދި ނާކާމިޔާބީއަށްފަހު ހޯމަ ދުވަހުގައެވެ. އާދީއްތަ ދުވަހު ކުޅުނު މި މެޗްއިން 3-1 ގެ ފަރަގަކުން ޕީއެސްޖީ ވަނީ ބަލިވެފައެވެ.

ހަތް ފަހަރު ބެލަންޑިއޯ އެވޯޑް ހާސިލުކޮށްފައިވާ އުމުރުން 35 އަހަރުގެ މެސީ ހޯދުމުގެ މަސައްކަތް ސައުދީ އަރަބިއްޔާގެ ކްލަބް ކަމަށްވާ އަލް ހިލާލްއިން ވެސް ކުރަމުންދާއިރުގައި އޭނާ ކުރީގައި މަސައްކަތްކޮށްފައިވާ ކްލަބް ބާސެލޯނާއިންވެސް ދަނީ މެސީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.