މުބާރާތުގެ އެންމެ ފަހު ކުރިމަތިލުމެވެ. ވަރުގަދަ ފޯރިގަދަ ކުރިމަތިލުންތަކެއްގެ ނިމުމެވެ. އެއްލައްކަ ފަންސާސް ހާސް ރުފިޔާގެ ފައިނަލެވެ. އައްޑޫގެ ފުޓްސަލް ރަންކަމަށް ނުކުންނަ ފައިނަލްވެސް މެއެވެ. އެއްކޮޅުން ނުކުންނަނީ މުބާރާތުގެ އެންމެފަހުގެ ދެ އަހަރުގެވެސް ޗެމްޕިއަން އެފްސީ އުސްގަނޑައެވެ. އަނެއްކޮޅުން ބައްދަލުކުރާ ޓީމަކީ އެންމެފަހުގެ ރަނަރަޕް މައިލޯ ސިޓީ އެފްސީއެވެ.

އެންމެފަހުން 2020 ވަނަ އަހަރު ބޭއްވި ވަގުތު ފުޓްސަލް ޗެލެންޖްގެ ފައިނަލް މިރޭ އަނެއްކާވެސް ތަކުރާރުވާނެއެވެ. ދެޓީމަކީ އެންމެފަހުން ފައިނަލުގައިވެސް ވާދަކުރި ދެ ޓީމެވެ. އުސްގަނޑާއި ވަރުގަދަ މައިލޯއެވެ. އެންމެފަހުން ދެޓީމުން ކުޅުނު ފައިނަލުގައި 1-0 ގެ ނަތީޖާއިން މައިލޯ ސިޓީ ބަލިކޮށް އެފްސީ އުސްގަނޑައިން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. މިއަހަރުވެސް ފައިނަލުގައި މި ދެ ޓީމު ވާދަކުރާއިރު، އެފްސީ އުސްގަނޑައިން ފައިނަލަށް ނުކުންނާނީ ތަށި މިލްކު ކުރުމުގެ އަޒުމުގައެވެ. މައިލޯ ސިޓީ ޓީމު ނިކުންނާނީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމުގެ އަޒުމުގައެވެ.

ތާރީހަށް ނަޒަރެއް : ޗެމްޕިއަނުންނާއި ކިންގުން

2017: އެފްސީ ބޭރުމަތި

2018: އެފްސީ ބޭރުމަތި

ކިންގް: އަލީ ހާފިޒް (ހާއްޕެ)

2019: އެފްސީ އުސްގަނޑަ

ކިންގް: ހުސައިން ޝަރީފް (އޮންލީ)

2020: އެފްސީ އުސްގަނޑަ

ކިންގް: އަޔާޒް އަހުމަދު (އަޔާ)

ތަރިންގެ ފައިނަލެއް

މިރޭގެ ފައިނަލަކީ ތަރިންގެ ފައިނަލެކެވެ. ދެޓީމުންވެސް އެކަމަށް ދޫކުރުމެއް ނެތެވެ. ކުޅުންތެރިންގެ ފެންވަރަށް ބެލިކަމުގައި ވީ ނަމަވެސް އަދި މީގެކުރިން މި ދެ ޓީމުން ނެރެފައިވާ ނަތީޖާތަކަށް ބެލިނަމަވެސް ފެންނަން އޮތީ މިރޭގެ ފައިނަލުގެ ވާދަވެރިކަމެވެ. ދެ ޓީމުގައި ވެސް ތިބީ ކޮންމެފަދަ ވަގުތެއްގައި ވެސް ނަތީޖާ ބަދަލުކޮށްލެވޭ ފެންވަރުގެ ކުޅުންތެރިންނެވެ. އަދި ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންތަކެއް ދެ ޓީމުގައި ވެސް އެބަތިއްބެވެ.

މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރާ މައިލޯ ސިޓީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ އިތުރު ތައާރަފެއް ބޭނުންވާނެ ކުޅުންތެރިންތަކެއް ނޫނެވެ. ފުޓްސަލް ދަނޑުތައް ރަސްކަންކޮށްފައިވާ ގިނަ ކުޅުންތެރިންތަކެއް މި ޓީމުގައި އެބަތިއްބެވެ. އަބްދުﷲ ޝައްފާން (ޝާކާ) އާއި އަލީ ހާފިޒް (ހާއްޕެ) ގެ އިތުރުން އިސްމާއީލް ވަޖީހު (ވައްޖެ)، ހުސެއިން ޝަރީފް (އޮންލީ)، ހާޒިމް ފައުޒީ (ހަތީ) ފަދަ ކުޅުންތެރިން މި ޓީމުގައި ހިމެނުން މިއީ އިދިކޮޅު ކޮންމެ ޓީމެއްވެސް ޖެހިލުންވާނެ ކަމެކެވެ.

އަނެއްކޮޅުން އުސްގަނޑަ ޓީމުގައި ވެސް ތިބީ ދޫކުރާވަރުގެ ކުޅުންތެރިންނެއް ނޫނެވެ. ފައިނަލަށް ނިކުތްނައިރު، އުސްގަނޑަ ޓީމުގެ ފަހަތަށް ކުޅެމުން އަންނަ މުހައްމަދު އައްޒާމް އަދި ސާމިން މުހައްމަދު ނަސީރު ހުއްޓާ އުސްގަނޑަގެ ޑިފެންސް ފޫ އަޅުވާލަން އުނދަގޫ ވާނެއެވެ. ހާއްސަކޮށް އިބްރާޙިމް މަހުދީ (ފޭދޫ އިއްބެ) އަކީ އެ ޓީމުގެ އެޓޭކިން ލައިނުގައި އެންމެ ވަރުގަދަ އެކަކެވެ. އަދި ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ލީޑަޝިޕް ރަނގަޅު ކުޅުންތެރިއެކެވެ. މީގެ އިތުރުން އުސްގަނޑަގެ ކީޕަރު އިސްމާއިލް ފާތިހު އަކީ ކޮންމެ ޓީމަކުންވެސް އުފައްދާ "ވިނިންގް" ހަމަލާ ހިފަހައްޓާ އިދިކޮޅު ޓީމު މާޔޫސް ކޮށްލުމުގެ ގާބިލުކަން ހުރި ކީޕަރެކެވެ. އެންމެ ފަހުން ބޭއްވި ވަގުތު ފުޓްސަލް މުބާރާތުގެ ވެސް ކިންގްކަން ހޯދާފައިވާ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) ގެ ހުނަރުވެރިކަމާއިމެދު އިތުރު ސުވާލެއް ނެތެވެ.

އެފްސީ އުސްގަނޑަ ފައިނަލަށް ކުރި ދަތުރު

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023: އެފްސީ އުސްގަނޑަ އަދި ހޯދަޑު ސްޕޯޓްސް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އަހްމަދު އަލީ

އެފްސީ އުސްގަނޑަ މުބާރާތުގައި ހިމެނުނީ ގުރޫޕް އޭގައެވެ. ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗު ފިޔަވައި ހުރިހާ މެޗެއް ވަނީ ކާމިޔާބުކޮށްފައެވެ. މުބާރާތުގައި 12 ޓީމަކުން ވާދަކުރި އިރު، މި ޓީމުތަށް ވަނީ ދެ ގުރޫޕަކަށް ބަހާފައެވެ. އުސްގަނޑަ ގުރޫޕް އޭގައި ހިމެނިފައި އޮތްއިރު، މި ގުރޫޕްގައި ދެން ހިމެނިފައި އޮތީ ޔުނައިޓެޑް މައިލޯ، އެފްސީ މޫލެކެޑެ، ޓޮޕް ބްރަދާސް އަދި ޑީސީ ސްޕޯޓްސް ކުލަބެވެ.

ފުރަތަމަ މެޗު: އެފްސީ އުސްގަނޑަ 1 - 0 އެފްްސީ މޫލެކެޑެ

ދެވަނަ މެޗު: އެފްސީ އުސްގަނޑަ 2 - 0 ހޯދަޑު ސްޕޯޓްސް ކުލަބު

ތިންވަނަ މެޗު: އެފްސީ އުސްގަނޑަ 3 - 0 ޓޮޕް ބްރަދާސް

ހަތަރުވަނަ މެޗު: އެފްސީ އުސްގަނޑަ 1 - 1 ޔުނައިޓެޑް މައިލޯ

ފަސް ވަނަ މެޗު: އެފްސީ އުސްގަނޑަ 7 - 2 ޑީސީ ސްޕޯޓްސް ކުލަބު

ސެމީ ފައިނަލް: އެފްސީ އުސްގަނޑަ 2 - 0 ފްރެންޑްސް ކުލަބު

މައިލޯ ސިޓީ އެފްސީ ފައިނަލަށް ކުރި ދަތުރު

ނެސޯ ހޯމް ވަގުތު ފުޓްސެލް ޗެލެންޖް 2023 ސެމީ ފައިނަލް: މައިލޯ ސިޓީއެފްސީ އަދި ހޯދަޑު އެސްސީ -- ވަގުތު އިމޭޖެސް: އަބްދުﷲ އަބީދު

މުބާރާތުގައި 12 ޓީމަކުން ވާދަކުރި އިރު، މި ޓީމުތަށް ވަނީ ދެ ގުރޫޕަކަށް ބަހާފައެވެ. މައިލޯ ސިޓީ އެފްސީ ހިމެނިފައި އޮތީ ގުރޫޕް ބީގައެވެ. މައިލޯ ސިޓީގެ އިތުރުން މިގްރޫޕުގައި ދެން ހިމެނެނީ ގޯދިޔާ ކަޕްގެ ޗެމްޕިއަން ފްރެންޑްސް ކްލަބާއި "ވަގުތު" ފުޓްސަލް ޗެލެންޖު 2017 އަދި 2018 ވަނަ އަހަރު ކާމިޔާބުކުރި އެފްސީ ބޭރުމަތިއާއި، އޮޑެއްސައު އާރްސީ އާއި އެފްސީ ޒެފިޔާގެ އިތުރުން އާރްއޯޔޫ ޔުނައިޓެޑެވެ.

ފުރަތަމަ މެޗު: މައިލޯ ސިޓީ 7، އެފްސީ ޒެފިޔާ 1

ދެވަނަ މެޗު: މައިލޯ ސިޓީ 2، އެފްސީ ބޭރުމަތި 3

ތިންވަނަ މެޗު: މައިލޯ ސިޓީ 1، ފްރެންޑްސް ކުލަބް 0

ހަތަރުވަނަ މެޗު: މައިލޯ ސިޓީ 2، އޮޑެއްސައު އެސްއާރް 1

ފަސްވަނަ މެޗު: މައިލޯ ސިޓީ 13، އާރްއޯޔޫ ޔުނައިޓެޑް 2

ސެމީ ފައިނަލު: މައިލޯ ސިޓީ 10 ހޯދަޑު އެސްސީ 1

ފައިނަލް މެޗުގެ ހާއްސަކަން: މެޗު ބެލޭނީ ކިހިނެތް؟

ވަގުތު ފުޓްސަލް ޗެލެންޖް މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ހިތަދޫ މަނިކު ދަނޑުގައި ކުރިއަށްދާ އިރު، މިރޭގެ ފައިނަލަށް މުޅި އައްޑޫ އޮތީ ތައްޔާރުވެފައެވެ.ފައިނަލް މެޗުގެ ހަރަކާތްތައް މިރޭ ފަށާނީ 8:30ގައި އޮންނަ ތިންވަނަ ހޮވާ މެޗަށްފަހުއެވެ. އެ މެޗުގެ ފަހުން ފައިނަލް ފެށިގެންދާނީ 10:00 ގައެވެ. ފައިނަލަށް ފަހު ހަވާއެރުވުމާއެކު ނިންމުމުގެ ރަސްމިއްޔާތު ފެށިގެންދާނެއެވެ. މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ނެސޯ ހޯމް" އެވެ. މެއިން ސްޕޮންސަރ އަކަށް ލިބޭ، އިކުއިކްސް، ވީބީ ބްރަދާސް ހަމަޖެހިފައިވާއިރު، ކޯ ސްޕޮންސަރުންނަށް ސޮނީ ސްޕޯޓްސް، އަވަސް ރައިޑް، ބެސްޓް ބައި ވަނީ ހަމަޖެހިފައެވެ. އަދި ޓެލެކޮމް ޕާޓްނަރަކަށް "އުރީދޫ" ހަމަޖެހިފައިވާ އިރު، ޓްރެވަލް ޕާޓްނަރަކީ "މޯލްޑިވިއަން"، ޕްރިންޓިންގ ޕާޓްނަރަކަށް ކޮންޓްރޯލް ޕީ އަދި އޮފިޝަލް ކިޓް ޕާޓްނަރ އަކަށް ޖާޒީއާ ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އޮފިޝަލް މެޗް ބޯލް ޕާޓްނަރަކީ މާކުއީއެވެ.

މިރޭގެ މެޗު ވަގުތު ޕޭޖުން ލައިވްކުރުމުގެ އިތުރުން ސަންގް ޓީވީން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ފައިނަލް މެޗު ނިމުމުން ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.