މެންޗެސްޓަރ ސިޓީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ އަށް ވެސް އަނިޔާގެ މައްސަލައަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ބްރާވޯގެ ފައިތިލަ އާއި ކުޑަކަޅުވާ ގުޅުވައިދޭ އަކިލެސް ޓެންޑަން އަށް އަނިޔާވެފައިވަނީ މިދިޔަ ހޯމަ ދުވަހު ސިޓީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށެވެ.

މި އަނިޔާއާ ގުޅިގެން އިތުރު ޓެސްޓުތަކެއް ހެދުމަށް އަންނަ ބުރާސްފަތި ދުވަހު ބްރާވޯ ބާސެލޯނާ އަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް ސިޓީން ހާމަކުރެއެވެ.

އުމުރުން 35 އަހަރުގެ ބްރާވޯ އަކީ ސިޓީގެ ދެވަނަ ނަމްބަރު ގޯލްކީޕަރެވެ. އޭނާ އަށް އަނިޔާވުމުން ސިޓީގެ ދެ ނަމްބަރު ކީޕަރުގެ މަގާމު ދެން އަދާކުރާނީ އުމުރުން 20 އަހަރުގެ ޑެނިއަލް ގްރިމްޝޯއެވެ. ގްރިމްޝޯ އަދި މިހާތަނަށް ސިޓީގެ ސީނިއާ ޓީމަށް މެޗެއް ކުޅެދީފައެއް ނުވެއެވެ.

ބްރާވޯ އަށް އަނިޔާވެފައިވާއިރު ސިޓީގެ އިތުބާރު މިޑްފީލްޑަރު ކެވިން ޑި ބްރައިނާ އަށް ވެސް ވަނީ އަނިޔާގެ މައްސަލައަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ޑި ބްރައިނާގެ ކަނާތު ފައިގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ތިން މަސްދުވަހަށް އޭނާ މިހާރު ވަނީ ކުޅުމާ ދުރުގައި ހުންނަން ޖެހިފައެވެ.

މި އަނިޔާއާ ގުޅިގެން ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި މެންޗެސްޓަރ ޔުނައިޓެޑް އަދި ޓޮޓެންހަމްއާ ދެކޮޅަށް ސިޓީން ކުޅޭ މެޗުތަކުގައި ޑި ބްރައިނާ އަށް ނުކުޅެވުމަކީ އެކަށީގެންވާ ކަމެކެވެ.

ސިޓީގެ ދެ ކުޅުންތެރިއަކަށް ބޮޑު އަނިޔާތަކެއް ލިބިފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި އެ ކްލަބުން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފައެވެ.