އާޖެންޓީނާގެ އެންހެލް ޑި މާރިއާ ހޯދުމަށް އެމެރިކާ ލީގުގެ އިންޓަ މިއާމީން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފިއެވެ.

އިންޓަ މިއާމީ އިން ވަނީ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އެކުލަބަށް ގެންނާނެކަން ކަށަވަރު ކޮށްފައެވެ. މިހާރު މެސީ ވަނީ އެ ކުލަބަށް ބަދަލުވާން ނިންމައި, އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. އަދި ޑި މާރިއާ ވަނީ ދާދި ފަހުން ޔުވެންޓަސްއަށް ކުޅުން ހުއްޓާލިކަމަށް ބުނެ އެކަން އިއުލާނު ކޮށްފައެވެ.

ހިލޭ އެއްބަސްވުމެއްގެ ދަށުން ޑިމާރިއާ ހޯދުމަށް މިހާރު އިންޓަ މިއާމީން އިސްކަން ދެމުން އަންނަ ކަމަށް ވަނީ ބޭރުގެ އިތުބާރު ހިފޭ ރިޕޯޓްތަކުން ބުނެފައެވެ. ޑިމާރިއާ އާއި މެސީ އަކީ އާޖެންޓީނާގެ ގައުމީ ޓީމުގައި ކުޅެމުން އަންނަ ގާތް ދެކުޅުންތެރިންކަމަށްވާއިރު، ފުޓުބޯޅައިގައި މިފަހުގެ ތާރީހެއްގައި ފެނުނު އެންމެ ކޮންބިނޭޝަން ރަނގަޅު ދެ ކުޅުންތެރިންނަކީ ވެސް މިއީއެވެ. ހަމައެހެންމެ ޑިމާރިއާގެ އިތުރުން ބާސެލޯނާގެ ސާޖިއޯ ބުސްކެޓްސް ހޯދުމަށް މިއާމީ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މެސީ ބާސެލޯނާ އަށް ކުޅުނު ދުވަސްވަރު، ބުސްކެޓްސްއާ ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. ބާސެލޯނާ ދޫކޮށްލި ފަހުން ވެސް މެސީ ވަނީ އެކި ފަހަރު މަތިން ބުސްކެޓްސްއާ ބައްދަލުކޮށްފައެވެ.

އިންޓަ މިއާމީން ބުސްކެޓްސް ހޯދުމަށް ޝައުޤުވެރިވީ ނަމަވެސް، މިހާތަނަށް ރަސްމީ ހުށަހެޅުމެއް ފޮނުވާފައެއް ނުވެއެވެ. ރަސްމީކޮށް ބުސްކެޓްސް އަށް އޮތީ ސައުދީ ލީގުގެ ހުށަހެޅުމެކެވެ. އަނެއްކޮޅު ޑި މާރިއާ އަށް ވެސް ސައުދީގެ ހުށަހެޅުމެއް ލިބުނު ވާހަކަތައް ވަނީ ފެތުރިފައެވެ. އިންޓަ މިއާމީން ޑި މާރިއާ ހޯދުމަށް ބޭނުންވާއިރު، މީގެ ކުރިން އޭނާ ބުނީ މިވަގުތު އިސްކަންދޭނީ ޔޫރަޕުގައި ކުޅުމަށް ކަމަށެވެ. މެސީ އިންޓަ މިއާމީ އަށް ބަދަލުވާން ނިންމުމަށްފަހު ވާހަކަ ދައްކަމުން ވަނީ ބުސްކެޓްސްގެ ވާހަކަ ހިއްސާކޮށްފައެވެ. އޭނާ ބުނީ އިންޓަ މިއާމީ އަށް ބަދަލުވުމާ ބުސްކެޓްސްއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

އުމުރުން 35 އަހަރުގެ ޑި މާރިއާ ޕީއެސްޖީ އިން ޔުވެންޓަސްއަށް ބަދަލުވީ 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި، ހިލޭ ޓްރާންސްފާއެއްގެ ގޮތުގައެވެ. އޭނާ ވަނީ ޔުވެންޓަސް އަށް ކުޅެދިން 40 މެޗުން އަށް ލަނޑު ޖަހާފައެވެ. ނަމަވެސް ޔުވެންޓަސްގެ ސަޕޯޓަރުން ވަނީ އޭނާއަށް ޖެއްސުންކޮށްފައެވެ.