މެންޗެސްޓާ ސިޓީގެ ކުޅުންތެރިންނާ މެދު ފުރިހަމަ އަށް އިތުބާރު އެބައޮތް ކަމަށާއި، ޓީމާއެކު ތަށި ކާމިޔާބު ކުރުމަކީ އޭނާގެ އެންމެ ބޮޑު ހުވަފެން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ އިންޓަ މިލާނާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ބުނީ ކޮންމެ މީހަކުވެސް ހާސިލްކުރަން ބޭނުންވާ ކަންކަން ހުރިނަމަވެސް، އެންމެ ބޭނުންވާ ވަގުތު އެކަން ކާމިޔާބު ނުވެދާނެ ކަމަށެވެ.

ނަމަވެސް މި ސީޒަނުގައި ސިޓީ ފެންނަނީ ތަފާތު ރޫހެއްގައިކަން އެންމެންނަށްވެސް އެނގޭނެ ކަމަށާއި، އެކަމާ މިވަގުތު ފަޚުރުވެރިވާން ބޭނުންނުވާ ކަމަށް ގާޑިއޯލާ ބުންޏެވެ. އޭގެ ބަދަލުގައި ކުރިއަށް އޮތް ފައިނަލް މެޗަށް ފޯކަސް ކުރުން މުހިންމު ކަމަށާއި، ކުޅުންތެރިންނަށް ވެސް އެކަން ސާފުވާނެކަމަށް އޭނާ ވަނީ ބުނެފައެވެ.

"އިޓަލީގެ ޓީމުތަކުން ގެންގުޅޭ ތިއަރީއަކީ ޑިފެންސް ކުރުން ކަމަށް ވެދާނެ، ނަމަވެސް އިންޓައިން ފައިނަލްގައި އެކަން ކުރާނެކަމަށް ނުބެލެވޭ. ނަމަވެސް އިންޓައަށް ވަރަށް ރަނގަޅަށް ޑިފެންސް ކުރަންވެސް އެނގޭނެ. އެމީހުން ހާސްވެގެން ތެޅިފޮޅިނުގަންނާނެ" އިންޓަ މިލާނާ ގުޅޭގޮތުން ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ، އިންޓަގެ ފޯވާޑް ލައިންގައި ތިބި ކުޅުންތެރިންނަކީވެސް ވަރަށް ނުރައްކާތެރި ކުޅުންތެރިން ކަމަށެވެ. ޚާއްސަކޮށް ރޮމެލޫ ލުކާކޫއާއި ލައުޓާރޯ މާޓިނޭޒްގެ ނަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އިންޓަގެ އެޓޭކް ހުއްޓުވުމަކީވެސް އުނދަގޫ ކަމެއް ކަމަށާއި، ސިޓީން އެކަންކަމަށް ސަމާލުކަން ދޭނެކަމަށް އޭނާ ބުންޏެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ސިޓީއާ ހަވާލުވި ނަމަވެސް ގާޑިއޯލާއަށް ނުލިބޭ ހަމައެކަނި ތައްޓަކީވެސް މި މުބާރާތެވެ. އޭނާއަށް ޗެމްޕިއަންސް ލީގު ލިބުނީ ސްޕެއިނުގެ ބާސެލޯނާގައި ދެ ފަހަރަކުއެވެ. އެންމެ ފަހުން ގާޑިއޯލާއަށް މި ތަށި ލިބުނީ 2011 ވަނަ އަހަރުއެވެ.

ސިޓީ އާއި އިންޓަ މިލާން ބައްދަލު ކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.