ސްޕެއިންގެ ޕާސްޕޯޓު އޮތުމުން، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، ޗައިނާގެ ބޯޑާ ކޮންޓްރޯލުން ހުއްޓުވައިފިއެވެ.

އޮސްޓްރޭލިއާއި ދެކޮޅަށް އެކުވެރި ކަމުގެ މެޗެއް ކުޅުމަށް ޗައިނާގެ ބެއިޖިންއަށް މެސީ ދިޔައިރު މެސީ އަތުގައި އޮތީ އާޖެންޓީނާގެ ޕާސްޕޯޓްގެ ބަދަލުގައި ސްޕެއިންގެ ޕާސްޕޯޓު ކަމުގައި މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެހެން ކަމުން އެއާޕޯޓުގައި ދެ ގަޑި އިރެއް ހާއިރު މެސީ މަޑު ކުރަން ޖެހުނެވެ.

އަންނަ ބުރާސްފަތި ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗަށް މެސީ އާއެކު ޑި މަރިއާ ވެސް ވަނީ އެ ދުވަހު ޗައިނާގެ ބެއިޖިން އަށް ގޮސްފައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މެސީ ސްޕެއިންގެ ޕާސްޕޯޓު ހިފައިން ގޮސްފައި ވަނީ ޗައިނާއަކީ ތައިވާންގެ ބައެއް ކަމަށް ހީކޮށެވެ. އަދި ބޯޑަރު އޮފިޝަލުން ކައިރި "ތައިވާންއަކީ ޗައިނާ އެއްނޫން؟ މިހެން ސުވާލު ވެސް ކުރިއެވެ.

ދެ ގަޑިއިރު ފަހުން މެސީ އަށް ވިސާ ހަމަޖައްސައި ދީފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ބުރާސްފަި ދުވަހުގެރޭ ކުޅޭ އެކުވެރިކަމުގެ މެޗުގައި މެސީ ފެންނާނެއެވެ.

ސައުދީގެ އަލް ހިލާލުން މެސީ ހޯދުމަށް ބޮޑު އަގެއް ހުށައަޅާ، މެސީ ސައުދީއަށް ގެންދިޔުމަށް ޕުރައިވެޓް ޖެޓު ފުރާންސްގެ ޕެރިސްއަށް ފޮނުވާފައި ވަނިކޮށް ބެލަންޑިއޯ ހަތް ފަހަރު ހޯދި މެސީ ވަނީ އެމެރިކާގެ އިންޓާ މިއާމީއަށް ބަދަލުވާނެކަން ހާމަކޮށްފައެވެ. މި ހަބަރާއެކު ގިނަ ބަޔަކަށް ވަނީ ހައިރާންކަން ގެނުވައިފައެވެ.