ޗެލްސީ އަށް ކުޅެމުން އަންނަ މޮރޮކޯއަށް ނިސްބަތްވާ ވިންގާ ހަކީމް ޒިޔެޗް ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ކްލަބް އަލް ނަސްރަށް ކުޅެން އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަޔެކްސް އަށް ކުރިން ކުޅުނު މިހާރު އުމުރުން 30 އަހަރު ފުރިފައިވާ ޒިޔެޗް ޗެލްސީއާ ގުޅުނީ 2020 ވަނަ އަހަރު 33 މިލިއަން ޕައުންޑަށެވެ. ޗެލްސީއާ ގުޅުނުތާ ދެ އަހަރުވެގެން ދިޔައިރު، ޒިޔެޗް އަށް ފުރަތަމަ އެގާރަ އިން ޖާގަ ހޯދުން ވީ އުނދަގޫ ކަމަކަށެވެ. ގިނަ މެޗުތަކުގައި އޭނާއަކީ ބެންޗުން އަރާ ކުޅުންތެރިއެކެވެ.

ޒިޔެޗް، ޗެލްސީއާ އެކުގައި ހަދާފައި ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

މޮރޮކޯ އަށް އުފަން ޒިޔެޗް ވަނީ ޗެލްސީ އަށް ބަދަލުވެ، އެ ޓީމަށް ކުޅެދިން 83 މެޗުގައި 14 ގޯލް ޖަހައިދީފައެވެ. ޗެލްސީ ކޯޗް ތޯމަސް ޓުޗެލްގެ ކޯޗުކަމުގެ ދަށުގައި ޒިޔެޗް އަށް ކުޅެން ލިބެނީ މަދު ފުރުސަތެކެވެ.

ޗެލްސީގެ ވަރަށް ގިނަ ކުޅުންތެރިން ދަނީ އެހެން ކްލަބްތަކަށް ބަދަލުވަމުންނެވެ. ޗެލްސީން ތިބީ ކައި ހަވާޓްޒްއާއި މޭސަން މައުންޓްވެސް ބޮޑު އަގަކަށް ދޫކޮށްލަން ތައްޔާރަށެވެ.

އަލް ނަސްރާއި ސައުދީގެ އެހެން ކްލަބްތަކުން ދަނީ އައު ސީޒަނާއި ދިމާކޮށް ޕްރެމިއާ ލީގަށް ކުޅޭ އެކި އެކި ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ސައުދީ ލީގްގެ ކްލަބަކަށް އެންމެ ފުރަތަމަ ކުޅެން އެއްބަސްވެފައިވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯއަކީ އަލް ނަސްރަށް ކުޅެމުންދާ މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުުބޮޑު ކުޅުންތެރިޔާއެވެ.