އިނގިރޭސި ކުލަބު ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރ ސީޒަރ އަޒްޕިލިކުއެޓާ 11 އަހަރަށް ފަހު ޗެލްސީ ދޫކޮށްލަން ނިންމައިފިއެވެ.

މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން 33 އަހަރުގެ ޑިފެންޑަރ ޗެލްސީ ދޫކޮށްލުމަށް ފަހު ދެން ބަދަލުވާނީ އިޓަލީގެ އިންޓަރ މިލާންއަށެވެ.

ޗެލްސީއާއި އެކު ހަދާފައިވާ އެއްބެސްވުން 2024އަށް ހަމަވާއިރު، އެކުލަބުން އެއްބަސްވުން އުވާލަން ނިންމާފައިވާ ކަމުގައިވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަދި އިންޓަރ މިލާންއާއި އެކު ދެ އަހަރުގެ އެއްބަސްވުމެށް ހެދުމަށް ތައްޔާރުވަމުންދާ ކަމުގައިވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

2012 ވަނަ އަހަރު ޗެލްސީއާއި ގުޅުނު ސީޒަރ އަޒްޕިލިކުއެޓާ އަކީ މިހާރު ޗެލްސީގެ ކެޕްޓަންގެ މަގާމުވެސް އަދާ ކުރަމުންދާ ކުޅުންތެރިޔާއެވެ. އެހެން ނަމަވެސް މި ސީޒަނުގައި ޗެލްސީއިން ދޫކޮށްލާ ކުޅުންތެރިންގެ ލިސްޓަށް މިވަނީ ސީޒަރ އަޒްޕިލިކުއެޓާ އަރާފައެވެ. މީގެ އިތުރުން ޗެލްސީގެ ތިން ކުޅުންތެރިއަކު ސައުދީގެ ތިން ކުލަބަކަށްވެސް ވަނީ ވިއްކާ ލާފައެވެ.

ޗެލްސީއާއި އެކު ގިނަ ކާމިޔާބީ ތަކެށްވެސް ސީޒަރ އަޒްޕިލިކުއެޓާ ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި އެފްއޭ ކަޕް ހަތަރު ފަހަރު، ޕުރިމިޔަރ ލީގު ދެފަހަރު ހޯދާފައިވެއެވެ. މީގެ އިތުރުން ކުލަބް ވޯލްޑް ކަޕް އެއްފަހަރު، ޗެމްޕިއަންސް ލީގު އެއްފަހަރު އަދި ޔޫރަޕާ ލީގު ދެފަހަރު ހޯދާފައިވެއެވެ. ޗެލްސީއާއި އެކު މުޅި ޖުމުލަ 349 މެޗު ކުޅުނު އިރު 10 ގޯލުވެސް ވަނީ ކާމިޔާބުކޮށްދީފައެވެ.

2013 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ ޑިފެންޑަރ ވަނީ ސްޕެއިން ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ގިނަ މެޗު ތަކެއްގައި ކޮށްދީފައެވެ. ޖުމުލަ 44 މެޗު ގައުމީ ޓީމަށް ކުޅެދިން އިރު، އެއް ގޯލު ވަނީ ކާމިޔާބުކޮށްދީފައެވެ.

ހޫނު މޫސުމުގެ ޓްރާންސްފާގައި އެހެން ކުލަބު ތަކާއި ހިލާފަށް ޗެލްސީއިން ގިނަ ކުޅުންތެރިންތަކެއް ވަނީ އެހެން ކުލަބު ތަކަށް ބަދަލުވާން ނިންމާފައެވެ. މި ސީޒަނުގައިވެސް ދައް ކުޅުމެށް ފެނިގެން ދިޔަ ޗެލްސީއިން އަންނަ ސީޒަނުގައި ވަރުގަދަ ޓީމެށް އެކުލަވާލާނެ ތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.