ޖަރުމަނުގެ އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ހަންގޭރީގެ މިޑްފީލްޑަރު ޑޮމިނިކް ޒޮބޮސްލާއީ ލިވަޕޫލަށް ބަދަލުވާން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ލިވަޕޫލުން ވަނީ ޒޮބޮސްލާއީ ގަތުމަށް 60 މިލިއަން ޕައުންޑް ދީފައެވެ. އަދި ލިވަޕޫލުން ކުރި އެ ބިޑް އާރްބީ ލައިޕްޒިގް އިން ގަބޫލުކޮށްފައިވާ ކަމަށްވެއެވެ.

އުމުރުން 22 އަހަރުގެ ހަންގޭރީ ގައުމީ ފުޓްބޯޅަ ޓީމްގެ އެޓޭކިން މިޑްފީލްޑަރު ޒޮބޮސްލާއީ ވަނީ ލައިޕްޒިގަށް ބުންޑެސްލީގާގެ ތިން ވަނަ ހޯދައި މިދިޔަ ސީޒަނުގައި ޖަރުމަނު ކަޕް ކާމިޔާބުކޮށްދިނުމުގައި އެހީތެރިވެފައިއެވެ.

ޕްރިމިއާ ލީގްގެ ކްލަބް ލިވަޕޫލާއި ޒޮބޮސްލާއީގެ އެޖެންޓް މިހާރު ދަނީ މިކަމުގެ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން، ލިވަޕޫލުން ވަނީ ޒޮބޮސްލާއީ ކަނޑައެޅި ޝަރުތުތަކަކަށްވެސް އެއްބަސްވެފައެވެ.

މިދިޔަ ސީޒަނުގައި ޖަރުމަންގެ ބުންޑެސްލީގާގައި ޒޮބޮސްލާއީ ވަނީ 31 މެޗު ކުޅެ، ހަ ގޯލު ޖަހައި، އަށް އެސިސްޓް ހަދައިފައިއެވެ.

އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގުން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު ލައިޕްޒިގަށް ސޮއިކުރުމަށްފަހު އޭނާ ވަނީ ލައިޕްޒިގަށް ކުޅުނު 91 މެޗުގައި 20 ގޯލް ޖަހައި 21 އެސިސްޓް ކޮށްދީފައެވެ.

އެންމެ ފަހަކަށް ލިވަޕޫލުން މިޑްފިލްޑަރަކަށް ސޮއިކޮށްފައިވަނީ ބްރައިޓަންއަށް ކުޅެމުންދިޔަ އެލެކްސިސް މެކްއެލިސްޓާއެވެ. މެކްއެލިސްޓާ އެ ޓީމުން ހޯދާފައިވަނީ 35 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ޖޭމްސް މިލްނާ، ނަބީ ކޭޓާ އަދި އެލެކްސް އޮކްސްލޭޑް-ޗެމްބަލޭން މި ހޫނު މޫސުމުގައި ކްލަބު ދޫކޮށްލުމުން ޓީމުގެ މިޑްފީލްޑް ލައިން ވަރުގަދަ ކުރަން ޔާޖެން ކްލޮޕް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.