ޅ. އޮޅުވެލިފުށީގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް "ކޮޕަރ ރޭމެންސް 2023" ތިން ވަނަ މެޗު ބޮޑު ތަފާތަކުން މޮނާކީ އެފްސީން ކާމިޔާބުކޮށްފިއެވެ.

އޮޅުވެލިފުށި ރަސްމީ ފުޓުބޯޅަ ދަނޑުގައި އިދިކޮޅު އެފްޓީއާއި ބައްދަލުކުރި މި މެޗު މޮނާކީއިން ކާމިޔާބުކޮށްފައި ވަނީ 0-7ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މޮނާކީއިން ވަނީ މެޗުގެ ކޮންޓުރޯލު ނަގާ އިދިކޮޅުގެ ގޯލަށް ގިނަ ހަމަލާތަކެށް އަމާޒުކޮށްފައެވެ. ރައްދުގައި އިދިކޮޅު އެފްޓީއިން ހަމަލާއެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް މާ ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތެއް ނުވެއެވެ. މެޗުގައި މޮޅު ކުޅުމެށް ފެނިގެން ދިޔަ މޮނާކީގެ އަހުމަދު ނިޒާމް ވަނީ ހެޓްރިކު ހަދައިފައެވެ.

މޮނާކީއިން ޖެހި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު ނިޒާމް ކާމިޔާބުކޮށްދިން އިރު، އަހުމަދު ޒާދު ވަނީ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އިޔާޒް އިލްޔާސް އާއި ސާލިމް އަބުދުﷲ ވެސް ވަނީ މޮނާޗީއަށް ލަނޑު ޖަހާދީފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބީޖޭ ސިޓީ އަތުންވެސް އިދިކޮޅު އެފްޓީ ވަނީ ބަލިވެފައެވެ.

މި ފޯރިގަދަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މޮނާކީއަށް ތިން ގޯލު ކާމިޔާބުކޮށްދިން އަހުމަދު ނިޒާމުއެވެ. މުބާރާތުގެ ހަތަރު ވަނަ މެޗުގައި މާދަމާ އޯސީ ފުލެޔާސް ނިކުންނާނީ ޔަންގް ސްޓަރސް އާއި ދެކޮޅަށެވެ.

އޮޅުވެލިފުށި "ގޯލްސް" ޖަމިއްޔާ އިން އިންތިޒާމުކޮށްގެން 2010 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް މިހާތަނަށް ވަނީ ޖުމުލަ އަށް ފަހަރު ބާއްވާފައެވެ. މިފަހަރުގެ މުބާރާތުގައި ހަ ޓީމު ވާދަކުރެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. އަދި ރަނަރަޕް ޓީމަށް 10،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެއާ ޕްލޭ ޓީމަށް 5،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި ޓީމް އޮފް ދި ޓޯނަމެންޓުވެސް ހޮވާނެއެވެ. މި މުބާރާތުގެ ޗެމްޕިއަން، ރަނަރަޕް އަދި ފެއާޕުލޭ ޓީމަށް ދޭ ފައިސާގެ އިނާމަކީ އޮޅުވެލިފުށި ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް ގަނީ އަބްދުލް ހަކީމް ދެއްވާ އިނާމެވެ.