މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލް އަށް ލިބުނު އަނިޔާ އިން ރަނގަޅުވެ، މި ހަފްތާގައި ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފްރާންސްގެ ގައުމީ ޓީމުގައި ވެސް ހިމެނޭ މާޝިއަލްގެ ފަޔަށް އަނިޔާވެ ކުޅުމާ ދުރަށް ދިޔައީ މިދިޔަ މެއި މަހު ފުލަމް އަތުން ޔުނައިޓް 2-1 އިން މޮޅުވި މެޗުގައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މާޝިއަލް އަނިޔާ އިން ރަނގަޅުވެ، އޭނާ ހުރީ އެމެރިކާގައި ކުރިއަށްދާ ޔުނައިޓެޑްގެ ތަމްރީންތަކުގައި ބައިވެރިވާން ތައްޔާރަށެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް، މާޝިއަލް ބޭނުން ކުރާނީ އެއްކޮށް ފިޓް ނަމައެވެ. އަންނަ ބުދަ ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުން މާޝިއަލް ނުފެނުނު ކަމުގައި ވިޔަސް، އަންނަ އާދިއްތަ ދުވަހު ބްރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނިގެންދާނެ ކަމަށް ބެލެވެއެވެ.

މިދިޔަ ސީޒަންގައި އަނިޔާގެ މައްސަލަތަކާ ގުޅިގެން މާޝިއަލް ޔުނައިޓެޑަށް ކުޅެފައި ވަނީ އެންމެ 29 މެޗެވެ. މިދިޔަ ސީޒަންގައި މާޝިއަލް ވަނީ ނުވަ ގޯލް ޖަހައިފައެވެ. ފަހަކަށް އައިސް، މާޝިއަލް އަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުގެ ފޯވާޑް ލައިން ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ޓީމުން އެންމެ ބޮޑަށް ފާރަލަމުން އަންނަ ކުޅުންތެރިންނަކީ ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭންއެވެ.