މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބުގެ ފްރާންސް ފޯވާޑް އެންތޮނީ މާޝިއާލް ދޫނުކުރަން ނިންމައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން މާޝިއާލްގެ ކުރިމަގާއި ގުޅޭގޮތުން ޔުނައިޓެޑްގެ ބޯޑާއެކު އެ ކްލަބުގެ ކޯޗު އެރިކް ޓެންހާގް ވަނީ މަޝްވަރާކޮށް އޭނާ ބަހައްޓަން ނިންމާފައެެވެ.. އަދި އެކަން ކްލަބުން ރަސްމީކޮށް މާޝިއާލްއަށް އަންގާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

މިއާއެކު، ބައެއް ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް އަމާޒުކޮށް ދެ ކްލަބަކުން ވަނީ ލޯން އުސޫލުގެ ދަށުން މާޝިއާލް ހޯދުމަށް ޔުނައިޓެޑާއެކު މަޝްވަރާތަކެއް ކޮށްފައެވެ. ނަމަވެސް ޔުނައިޓެޑުން މިހާރު ވަނީ އޭނާ ދޫކޮށްލުމުގެ ވިސްނުން ބަދަލުކޮށްފައެވެ.

ލިޔޯން އިން ސީނިއާ ކެރިޔަރު ފެށި މާޝިއާލް ވަނީ ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން މޮނާކޯއަށް ވެސް ކުޅެފައެވެ. މިގޮތުން އޭނާ ވަނީ މޮނާކޯއާއެކު ތިން ސީޒަން ހޭދަކޮށްފައެވެ.

މޮނާކޯ ދޫކޮށް މާޝިއާލް ޔުނައިޓެޑަށް ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. މިގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 269 މެޗުގައި 79 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު އެފްއޭ ކަޕް، ލީގް ކަޕް، އެފްއޭ ކޮމިއުނިޓީ ޝިލްޑް އަދި ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑުގައި މާޝިއާލް ހޭދަކުރި މުއްދަތުގައި ސެވިއްޔާއަށް މިދިޔަ ސީޒަނުގައި ލޯނު އުސޫލުން ވަނީ 12 މެޗު ކުޅެފައެވެ. އަދި އޭނާ ހޯދުމަށް އެކި ފަހަރު މަތިން ގިނަ ކްލަބްތަކުން ހުށަހެޅި ނަމަވެސް، ދާއިމީކޮށް އޭނާ ވިއްކާލަން ޔުނައިޓެޑުން މިހާތަނަށް އެއްބަސް ނުވެއެވެ.

ފްރާންސް ގައުމީ ޓީމަށް 30 މެޗު ކުޅެ، ދެ ލަނޑު ކާމިޔާބުކޮށްފައިވާ މާޝިއާލް ވަނީ އެޓީމާއެކު ޔުއެފާ ނޭޝަންސް ލީގު އެއްފަހަރު ކާމިޔާބުކޮށްފައެވެ.