ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓަރ ސިޓީ އާއި ވުލްވްސް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިިމިއްޖެއެވެ.

މިއީ ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ސިޓީން ލީގުގައި ކުޅުނު ތިންވަނަ މެޗު ކަމަށްވާއިރު އެޓީމުން ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފައެވެ. އެގޮތުން ލީގުގެ ފުރަތަމަ މެޗުން ސިޓީ މޮޅުވީ އާސެނަލްއާ ބައްދަލުކޮށް 0-2 އިންނެވެ. އަދި ދެވަނަ މެޗުން މޮޅުވީ ހަޑަލްސްފީލްޑްއާ ބައްދަލުކޮށް 6-1 އިންނެވެ.

އަނެއްކޮޅުން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވުލްވްސް އަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އެގޮތުން ފުރަތަމަ މެޗުގައި އެވަޓަން އަތުން 2-2 އިން އެޓީމު އެއްވަރުވިއިރު ދެވަނަ މެޗުގައި ލެސްޓަ ސިޓީ އަތުން އެޓީމު ވަނީ 2-0 އިން ބަލިވެފައެވެ.

ވުލްވްސްގެ ދަނޑުގައި މިއަދު ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ސިޓީން ވަނީ މި ހާފުގައި ނުރައްކާތެރި ދެ ހަމަލާއެއް ވުލްވްސްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ސާޖިއޯ އަގުއެރޯ އާއި ރަހީމް ސްޓާލިން ފޮނުވާލި އެ ހަމަލާތައް އަމާޒުވީ ވުލްވްސްގެ ގޯލުގެ ދަނޑި އަށެވެ. މީގެއިތުރުން މި ހާފުގައި ވުލްވްސްގެ ކީޕަރު ރުއީ ޕެޓްރީސިއޯ ވެސް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފައެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 57 ވަނަ މިނެޓްގައި ވުލްވްސް އިން ވަނީ ލީޑު ނަގާފައެވެ. ނެވޭސް ނަގައިދިން ހުރަހަކުން މި ގޯލު ވުލްވްސް އަށް ކާމިޔާބުކޮށްދިނީ ވިލީ ބޯލީއެވެ. ވުލްވްސްގެ މި ގޯލަށްފަހު ސިޓީން ދިޔައީ ކައިރިކައިރީގައި ވުލްވްސްގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރަމުންނެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 69 ވަނަ މިނެޓްގައި ސިޓީގެ ޑިފެންޑަރު، އައިމެރިކް ލަޕޯޓް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ ލަޕޯޓް ސިޓީ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލު ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ގުންޑޮގާން ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ލީޑު ނަގަން ސިޓީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު މެޗުގެ އެންމެފަހު މިނެޓްގައި އަގުއެރޯ ފޮނުވާލި ހިލޭޖެހުމެއް ވަނީ ވުލްވްސްގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައެވެ.

ލީގުގައި ކުޅުނު ތިންވަނަ މެޗުން ސިޓީ އެއްވަރުވިއިރު، ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާއެވެ. ވުލްވްސް ނިކުންނާނީ ވެސްޓްހަމްއާ ދެކޮޅަށެވެ.