މެންޗެސްޓަރ ޔުނައިޓެޑްގެ ސީއީއޯ އެޑް ވުޑްވާޑްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ކްލަބުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

މޮރީނިއޯ މިހެން ބުނެފައިމިވަނީ ނިމިގެންދިޔަ ޓްރާންސްފާ މާކެޓުގައި މޮރީނިއޯ ގެންނަން ބޭނުންވި ކުޅުންތެރިން ޔުނައިޓެޑަށް ގެނެވިފައިނުވާތީ މޮރީނިއޯގެ ހިތްހަމަނުޖެހުން ޔުނައިޓެޑްގެ ސީއީއޯ އަށް އަމާޒުވެފައިވާ ކަމަށް ބުނެ މީޑިޔާގައި ހަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން ޓްރާންސްފާ މާކެޓު ބަންދުވުމުގެ ކުރިން ޔުނައިޓެޑަށް އިތުރު ސެންޓަބެކެއް ގެންނަން މޮރީނިއޯ ވަރަށް ބޮޑަށް ބޭނުންވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުގެކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މޮރީނިއޯ ބުނީ ޔުނައިޓެޑްގެ ސީއީއޯއާ ދެމެދު އޮތް ގުޅުން އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށެވެ.

"އަހަންނާއި ވުޑްވާޑްއާ ދެމެދު އެއްވެސް މައްސަލައެއް ނެތް" މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމްއާ ދެކޮޅަށް ޔުނައިޓެޑް މިރޭ ނިކުންނައިރު ލީގުގައި އެންމެފަހުން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ވަނީ 2-3 އިން ބަލިވެފައެވެ. އަނެއްކޮޅުން ޓޮޓެންހަމް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ.

ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑްގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެން ގޮސްފައިވާއިރު މޮރީނިއޯ ބުނީ މިރޭގެ މެޗުން މޮޅުވާން ބޭނުންވަނީ ރަނގަޅު ކުޅުމެއް ދައްކައިގެން ކަމަށާއި އެކަން ކުރުމަށް ގޯސްތައް މަދުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

މިއީ ޓޮޓެންހަމްއާ ކުޅެން އެންމެ ރަނގަޅު ވަގުތުތޯ ސުވާލުކުރުމުން މޮރީނިއޯ ބުނީ ޓީމަކާއި ދެކޮޅަށް ކުޅެން އެންމެ ރަނގަޅު ވަގުތަކީ ކޮބައިކަން އޭނާ އަށް ނޭނގޭ ކަމަށާއި މިއީ ޕްރިމިއާ ލީގުން ކަނޑައަޅާފައިވާ ގޮތް ކަމަށެވެ. އަދި މިރޭގެ މެޗު ޔުނައިޓެޑަށް އުނދަގޫ ވެގެންދާނެކަން ވެސް މޮރީނިއޯ ފާހަގަކުރިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.