އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2023 ގެ އަންހެން ޑިވިޝަންގެ ދެވަނަ މެޗް ކްލިކް ކޮލެޖުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ގައުމީ ހޭންޑްބޯޅަ ދަނޑުގައި ކުރިއަށް ދިޔަ އެ މެޗްގައި ބައްދަލުކުރީ ކްލިކް ކޮލެޖް އާއި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް އެވެ. ކްލިކުން މެޗު ކާމިޔާބުކުރީ 13-5 ލަނޑުންނެވެ.

އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްލިކު ކޮލެޖްގެ ގޯލް ކީޕަރު ފާތިމަތު މައިހާ އެވެ. އޭނާ ވަނީ ޒިކުރާއިން ގޯލަށް އަމާޒުކޮށް ޖެހި އެތައް ބޯޅައެއް ދިފާއުކޮށްފައެވެ.

އެ ޓީމުގެ އައިޝަތު ޝައުފާއާއި ޝާހިޔާ އާދަމް 4 ލަނޑު ޖަހާފައިވާއިރު، އެ ދެ ކުޅުންތެރިންނަކީ އެ މެޗްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންނެވެ. ޒިކުރާއިން ޝަބާ އަހްމަދު އެކަނި 3 ލަނޑު ޖަހާފައިވާކަން ފާހަގަކޮށްލެވެއެވެ.

މެޗަށްފަހު ކްލިކު ކޮލެޖުން ބުނީ މެޗާއި މެދު ވަރަށް ހިއްހަމަ ޖެހޭ ކަމަށާއި، އެވަރުގެ ނަތީޖާއަކުން މެޗު ނިންމާލެވޭނެ ކަމުގައި އުންމީދުވެސް ނުކުރާ ކަމަށެވެ.

ޒިކުރާއިން ބުނީ އެ ޓީމުން ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކިފައި ނުވާ ކަމަށެވެ. ނަމަވެސް ކުރިއަށް ހުރި މެޗްތައް ރަނގަޅު ކުރާނެ ކަމަށެވެ. މިއީ މި މުބާރާތުގައި ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ބައިވެރިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވޭއިރު، އެ ޓީމުން ފެނިގެން ދިޔައީ ވަރަށް ޒުވާން ކުޅުންތެރިންތަކެކެވެ.

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާގެ އަންހެން ބައިގެ ގްރޫޕް އޭގައި ހިމެނެނީ ވިލާކޮލެޖު ސްޓޫޑަންޓްސް އެސޯސިއޭޝަނާއި، ގައުމީ ޔުނިވާސިޓީގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމާއި މެޕްސް ކޮލެޖެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އެމްއައި ކޮލެޖް ސްޓޫޑެންޓް ޔޫނިއަންއާއި، ޒިކުރާ ކޮލެޖްގެ ސްޓޫޑެންޓް ޔޫނިއަންގެ އިތުރުން މޯލްޑިވްސް ބިޒްނަސް ސްކޫލް އަދި ކްލިކް ކޮލެޖް އެވެ.

ކޯ ސްޕޮންސަރުންނަކީ ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް)، އެފްއެސްއެމް އަދި އެމްޕީއެލްއެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޭލްސްކޯ އަދި ކިއުރާ އެވެ. މީޑީޔާ ޕާޓްނަރަކީ "ވަގުތު" އެވެ. ޕީއާރު ޕާޓްނަރަކީ ސޯސަލްއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. ބެވްރޭޖް ޕާޓްނަރަކީ ހޭޕީ މާކެޓް އަދި ކޮކާކޯލާ އެވެ. އެޕެރަލް ޕާޓްނަރަކީ ހެޕްޓާއެވެ. ޕްރިންޓިންގް ޕާޓްނަރަކީ ގްރެފައިޓްއެވެ.