ޗެންޕިއަންސް ލީގްގެ ގްރޫޕް ބީގައި ފްރާންސްގެ ލެންސް އިން އިނގިރޭސި ވިލާތުގެ އާސެނަލް ބަލިކޮށްފިއެވެ.

ލެންސް ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން އާސެނަލް ބަލި ކުރީ ފަހަތުން އަރައި 2-1 އިން މޮޅުވެއްގެންނެވެ.

އާސެނަލުން މެޗްގެ ފުރަތަމަ ހާފްގެ 14 ވަނަ މިނެޓުގައި ވަނީ ލީޑް ނަގާފައެވެ. މި ލަނޑު އާސެނަލަށް ކާމިޔާބު ކޮށްދިނީ އުމުރުން 26 އަހަރުގެ ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖެސުސްއެވެ. ޖެސުސް ވަނީ ޗެންޕިއަންސް ލީގުގެ ފުރަތަމަ 11 ގައި ހިމެނުނު 25 މެޗުން 17 ލަނޑު ކާމިޔާބު ކޮއްފައެވެ. މި ލަނޑާއެކު މެޗްގެ ކުޅުން ވަރުގަދަވެ މެޗްގެ ފޯރި ގަދަވެގެން ދިޔައެވެ. މެޗްގެ 25 ވަނަ މިނެޓުގައި ލެންސް ވަނީ 1-1 ގެ ނަތީޖާއަކުން މެޗް އެއްވަރު ކޮށްފައެވެ، މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ފްރާންސްގެ އުމުރުން 29 އަހަރުގެ އެޑްރިއެން ތޮމައްސަނެވެ. މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-1ގެ ނަތީޖާއިންނެވެ.

 

ދެވަނަ ހާފްގައި ދެ ޓީމުންވެސް ވަރަށް ވާދަވެރި ކުޅުމެއް ދައްކަމުން ދިޔައެވެ.

ނަމަވެސް މެޗްގެ 70 ވަނަ މިނެޓުގައި ލެންސިން ވަނީ އާސެނަލްގެ ޑިފެންސް ފޫއަޅުވާލައި ލީޑް ނަގައިފައެވެ. މި ލަނޑު ކާމިޔާބު ކޮއްފައިވަނީ އުމުރުން 20 އަހަރުގެ ލެންސްގެ ފޯވާރޑް އެލްޔޭ ވަހިއެވެ.

ލެންސް ޗެންޕިއަންސް ލީގުގައި ދެން ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހު 25 ވަނަ ދުވަހު ޕީއެސްވީއާ ދެކޮޅަށެވެ. އާސެނަލް ނުކުންނާނީ ޕީއެސްވީއާ ދެކޮޅަށެވެ.

 

ކިޔުންތެރިންގެ ހިޔާލު