އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ޑިފެންޑަރު ޖޯސް މާރިއާ ހިމިނޭޒް އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފިއެވެ.

އުރުގުއޭއަށް އުފަން ހިމިނޭޒް އެންމެ ފުރަތަމަ އެތުލެޓިކޯ އަށް ބަދަލުވީ 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް 285 މެޗު ކުޅެދީ 12 ލަނޑު ޖަހައިފައެވެ. އެ ކުލަބާއެކު އޭނާ ވަނީ ހަތަރު ތައްޓެއް ވެސް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު، ސްޕެނިޝް ސުޕަ ކަޕް، ޔުއެފާ ޔޫރޮޕާ ލީގު އަދި ޔުއެފާ ސުޕަ ކަޕް ހިމެނެއެވެ.

ހިމިނޭޒް އެއްބަސްވުން އައު ކޮށްފައި ވަނީ އިތުރު ފަސް އަހަރު ދުވަހަށެވެ. އެހެންކަމުން އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުލަބުގައި މަޑު ކުރާނެ އެވެ.

ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހިމިނޭޒްގެ އެއްބަސްވުން އައު ކުރުމަށް އެތުލެޓިކޯގެ ކޯޗުގެ ޝައުގުވެރިކަން ހުންނަ ކަމަށް ބޭރުގެ މީޑިއާ އިން ވަނީ ބުނެފައެވެ. އެތުލެޓިކޯ އިން ބޭނުންވަނީ ހިމިނޭޒް ދިގު މުއްދަތަކަށް އެ ކުލަބުގައި މަޑު ކުރުމަށެވެ. އެކަމަށްޓަަކައި އެ ކުލަބާއި، އޭނާއާ ދެމެދު މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްތަކެއްވީ ފަހުން، މިހާރު އޭނާ ވަނީ އެއްބަސްވުން އައު ކޮށްފައެވެ. އެތުލެޓިކޯގެ އެއްބަސްވުން ހިމިނޭޒް އައު ކުރީ އިނގިރޭސި ބައެއް ކުލަބުތަކާއި، އިޓަލީގެ ބައެއް ކުލަބުތަކުން އޭނާ ހޯދުމުގެ ޝައުޤުވެރިކަން ފާޅު ކުރަމުން އައިި ވަގުތެއްގައެވެ.

އެތުލެޓިކޯއާއެކު ހިމިނޭޒް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅެފައެވެ. ހިމިނޭޒް އަންނަނީ 2013 ވަނަ އަހަރުން ފެށިގެން އުރުގުއޭ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 81 މެޗުން އޭނާ ވަނީ އަށް ލަނޑު ޖަހައިފައެވެ.

ކިޔުންތެރިންގެ ހިޔާލު