ލިބުނު އަނިޔާއަކާ ގުޅިގެން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ނުކުޅެވުނު، ލިއޮނެލް މެސީ އަނިޔާއިން އެނބުރި އައި ނަމަވެސް އެމެރިކާގެ މޭޖާ ލީގުގެ ޕްލޭއޮފް ބުރުން އިންޓަ މަޔާމީ ކަޓައިފިއެވެ.

ރޭ ސިންސޭނޭޓީ އާ ދެކޮޅަށް ކުޅުނު މެޗުން 1-0 ން ބަލިވެ މޭޖާ ލީގުގެ ފުރުސަތު މަޔާމީ އަށް ވަނީ ގެއްލިފައެވެ. މިއީ އެމެރިކާ ލީގުގައި މިއާމީން ޖެހި ޖެހިގެން މޮޅެއް ނުލިބި ނިންމާލަން ޖެހުނު ހަތަރު ވަނަ މެޗެވެ. ލީގުގައި އެންމެ ފަހުން އެ ޓީމަށް މޮޅެއް ހޯދިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައި ޓޮރޮންޓޯއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

ސިންސިނާޓީއާ ދެކޮޅަށް މަޔާމީން ކުޅުނު މެޗުގައި ކޯޗު ޖެރާޑޯ މާޓިނޯ މެސީ އަށް ފުރުސަތު ދީފައި ވަނީ ބެންޗުންނެވެ. މެޗުގެ ދެ ވަނަ ހާފުގައި މެސީ ކުޅެން ނިކުމެފައި ވަނީ ތޯމަސް އެވީލްސްގެ ބަދަލުގައެވެ. ސިންސިނާޓީން މެޗުގައި ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ 78 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލީޑު ނަގައިދިނީ އަލްވާރޯ ބަރޭލް އެވެ.

ޕްލޭއޮފް ބުރުގައި އިތުރަށް ކުރިއަށްދެވޭކަމަށް މަޔާމީ އަކަށް ނެތެވެ. ނަމަވެސް އެ ޓީމަށް އަދި ވެސް ދެ މެޗު އެބައޮތެވެ. އެކަމަކު އެ ދެ މެޗުގައި މެސީ ކުޅޭނެ ކަމަކަށް ނުބެލެވެ އެވެ.

މަޔާމީން މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކިފައިނުވާއިރު، ލީގުގައި އޯލަންޑް ސިޓީ އަދި ނިއުޔޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ އެއްވަރުވެފަ އެވެ. އަދި ޗިކާގޯއާ ދެކޮޅަށް ކުޅުނު މެޗާއި، ސިންސިނާޓީއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ. އެ ދޭތެރޭގައި ޔޫއެސް އޯޕަން ކަޕްގެ ފައިނަލުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ.