ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ދެމުން އަންނަ ބެލެންޑޯ އެވޯޑު މިއަހަރު ހައްގުވާނީ މެންޗެސްޓާ ސިޓީގެ ނިމިދިޔަ ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ނޯވޭގެ ހާލަންޑަށް ކަމުގައި އެ ކުލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޖަރުމަނުގެ ބްރޫޝިއާ ޑޯޑްމަންޓުން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ބަދަލުވި ހާލަންޑް ވަނީ ނިމިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭކަޕް އަދި މުޅިން އަލަށް ކާމިޔާބުކުރި ޗެމްޕިއަންސް ލީގު ތަށި ހޯދައިދިނުމަށް 53 މެޗުން 52 ގޯލު ޖަހައިފައެވެ.

މިހާރު ދުނިޔޭގައި ހުރި އެންމެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ ބުނި ގޮތުގައި ނިމިދިޔަ ސީޒަނުގައި ސިޓީއިން ހަތަރު ތަށި ކާމިޔާބު ކުރި އިރު، ހާލަންޑު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެހެން ކަމުން މި އަހަރުގެ ބެލެންޑޯ އެވޯޑު ހާލަންޑަށް ހައްގުުވާ ކަމުގައިވެސް ގާޑިއޯލާވަނީ ބުނެފައެވެ. މި އެވޯޑަށް ހާލަންޑާ އެންމެ ބޮޑަށް ވާދަކުރާނީ ފްރާންސްގެ ޕީއެސްޖީ ދޫކޮށް، އެމެރިކާގެ އިންޓަމިއާމީ އަށް ބަދަލުވި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެވެ. އޭނާ އަކި މިހާތަނަށް ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ބެލޮންޑީއޯ އެވޯޑް ހޯދައިފައިވާ ކުޅުންތެރިޔާ އެވެ. މިދިޔަ ޑިސެމްބަރު މަހު ގަތަރުގައި ކުޅުނު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާތީވެ ގިނަ ބައެއްގެ ފެވަރިޓަކީ ވެސް މެސީއެވެ.

"ބެލޮންޑީއޯގައި ދެ ކެޓަގަރީއެއް އޮންނަން ޖެހޭ. އެއް ކެޓަގަރީ އަކީ ހަމައެކަނި މެސީގެ އަމިއްލަ ކެޓަގަރީއެއް، އަނެއް ކެޓަގަރީގައި ތިބޭނީ އެހެން ހުރިހާ ކުޅުންތެރިން،"

ސްޕޭނުގެ ބާސެލޯނާގައި މެސީ، އޭނާގެ މޮޅު ކުޅުން ދެއްކިއިރު ކޯޗަކަށް ހުރި ގާޑިއޯލާ އަކީ އަބަދުވެސް މެސީ އަށް ތައުރީފް އޮއްސާލާ ކޯޗެކެވެ. ހާލަންޑަށް އެވޯޑް ހައްގުކަން ފާހަގަ ކުރަމުން ވެސް ގާޑިއޯލާ ބުނީ އެވޯޑަކީ މެސީގެ ވެސް އެއްޗެއް ކަމަށެވެ. ފްރާންސްގެ މަޖައްލާއަކާއި ފީފާ ގުޅިގެން ހޮވާ މި އެވޯޑް ދިނުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައެވެ