އާޖެންޓީނާގެ ތަރި ޕާޕޫ ގޮމޭޒް އަށް ބޮޑު ސަސްޕެންޝަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އިޓާލިއަން ލީގުގެ މޮންޒާ އަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ މިޑްފީލްޑަރަށް ސަސްޕެންޝަނާ ކުރިމަތިލާން ޖެހުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހެދި އެންޓި ޑޯޕިންގ ޓެސްޓަކުން ފެއިލްވުމުންނެވެ. އެއާއެކު ގޮމޭޒް އަށް ވަނީ ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ކުރިމަތިވެފައެވެ.

ގޮމޭޒް ކުޅެމުން އަންނަ މޮންޒާ އިން ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ. އެކުލަބުން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ އެކަން ރަސްމީކޮށް އެ ކުލަބަށް އަންގައިފައެވެ.

"ސްޕެއިންގެ އެންޓި ޑޯޕިން އެޖެންސީން ގޯމޭޒްއާ ދެކޮޅަށް ނެރުނު ފުރަތަމަ ހުކުމުގެ ނޮޓިފިކޭޝަން ފީފާއިން އިޓަލީގެ އެފްއޭ މެދުވެރިކޮށް ލިބިއްޖެ" މޮންޒާ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިކަމަށް ރައްދު ދިނުމުގެ ގޮތުން ގޮމޭޒް ބުނެފައިވަނީ ބަލިވެ އުޅޭއިރު، ކެއްސުމުގެ ސިރަޕެއްގެ ގޮތުގައި މަނާ މާއްދާ ކެއީ ކަމަށް ބުނެފައެވެ.

ސެވިއްޔާ ދޫކޮށް ގޮމޭޒް މޮންޒާ އަށް ބަދަލުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ސެވިއްޔާ އިން އޭނާ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމުމާއެކު، ހިލޭ ޓްރާންސްފާއެއްގައެވެ. ސެވިއްޔާ އިން އޭނާގެ އެއްބަސްވުން އުވާލީ، ދެ ފަރާތުގެ ދެމެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހުއެވެ.

މީގެ ކުރިން ގޯމޭޒް ވަނީ އިޓަލީ ކްލަބް އެޓަލާންޓާ އާއި ސްޕެއިންގެ ކްލަބް ސެވިއްޔާ އަދި ޔޫކްރޭންގެ މެޓަލިސްޓް އަށް ކުޅެފައެވެ. ގަތަރުގައި އެންމެ ފަހުން އޮތް ވޯލްޑް ކަޕްގެ ސްކޮޑުގައި ގޯމޭޒް ހިމެނުނެވެ. އާޖެންޓީނާގެ ގައުމީ ޓީމު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، މިޑްފީލްޑަރަށް ވަނީ ރަން މެޑަލް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު