ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ބަދަލުގައި ބެލޮންޑީއޯ އެވޯޑްގެ ޕާޓްނަރަކަށް ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާ ހަމަޖައްސައިފިއެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންނަ އަހަރުން ފެށިގެން އެވޯޑްގެ ކޯ އޮގަނައިޒަރަކަށް ޔޫއޭފާވުމުން އެ ޖަމާއަތުން ހޮވަމުން އަންނަ ޗެމްޕިއަންސް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެން ނުހޮވާނެއެވެ. އޭގެ ބަދަލުގައި ދޭނީ ބެލޮންޑީއޯ އެވޯޑެވެ.

ޔޫއޭފާގެ ބައިވެރިވުމާއެކު އަންނަ އަހަރުން ފެށިގެން ބެލޮންޑީއޯ އެވޯޑް ހަފުލާގައި ޔޫރަޕުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކޯޗު ހޮވައި އިނާމު ދޭނެއެވެ.

ފްރާންސްގެ ފުޓްބޯޅަ މެގަޒިނުން މީގެ ހަތް އަހަރު ކުރިން ފީފާއާއެކު ހެދި އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ. މި މުއްދަތުގައި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އައި ބެލޮންޑީއޯ އެވޯޑް ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އައީ ފީފާ ބެލޮންޑީއޯގެ ނަމުގައެވެ.

ނަމަވެސް އެވޯޑްގެ ކޯ އޮގަނައިޒައިރަކަށް ޔޫއޭފާ ހަމަޖެއްސުމުން ދެން މި އެވޯޑް ދިނުމުގައި ފީފާގެ ދައުރެއް ނޯންނާނެއެވެ. ނަމަވެސް އެންމެ މޮޅު ކުޅުންތެރިޔާ ހޮވާ ކްރައިޓޭރިޔާ އަށް އެއްވެސް ބަދަލެއް ނުގެންނާނެއެވެ.

މިހާތަނަށް މި އެވޯޑް ދިނުމުގެ ހަފުލާ ބައްވަމުން ދިޔައީ ފްރާންސްގެ ޕެރިހުގައެވެ. ނަމަވެސް ޔޫއޭފާއިގެ ބައިވެރިވުމާއެކު އެހެން ގައުމުތަކުގައި ވެސް އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވާނެއެވެ.

އެންމެފަހުން ބޭއްވި ބެލޮންޑީއޯ ހަފްލާގައި އެންމެ ޝަރަފްވެރި އެވޯޑް ހޯދާފައިވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މެސީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް ޖުމުލަ އަށް ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.