ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ އެސްޓީއޯ ޒިގްޒެގް އިންޓާ އޮފީސް ނުވަ ވަނަ ފުޓްސަލް މުބާރާތުގެ ފައިނަލަށް ކުލަބް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އާއި ކުޅުދުއްދުށީ ޕޯޓް ރެކްރިއޭޝަން ކުލަބް (ކޭޕީއާރުސީ) ދަތުރުކޮށްފިއެވެ.

މިއަހަރުގެ މުބާރާތުގެ ފައިނަލުން ކޭއާރުއެޗް ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ދިރާގުގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީ ކޭއާރުއެޗްއެވެ. މި ލަނޑު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހްމަދު ދާވޫދު (ޑޭވިޑް) އެވެ. ދެވަނަ ލަނޑު 34 ވަނަ މިނެޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ ޖުނެއިދު އެ ޓީމަށް ލީޑު ފުޅާކޮށްދިން އިރު ތިންވަނަ ލަނޑު 40 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު އާލިމެވެ.

މި ލަނޑު ޖެހިތާ ދެ މިނެޓުފަހުން ދިރާގުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިިޔާބުކޮށްދިނީ އީގާން އަބްދުލް މަޖީދެވެ.

މި ދެ ޓީމަކީވެސް މީގެކުރިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ދެ ޓީމެވެ. އެގޮތުން ސެމީން ކެޓި ދިރާގު ވަނީ ޒިގްޒެގް އޮފީސް މުބާރާތް ބޭއްވި ފުރަތަމަ އަހަރުގެ އިތުރުން ހަތްވަނަ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި ކޭއާރުއެޗް ވަނީ ދެވަނަ މުބާރާތް ކާމިިޔާބުކޮށްފައެވެ.

މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކޭޕީއާރުސީ އިން ހޯދާފައިވަނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ކުލަބް ކުޅުދުއްފުށީ ސިޓީ ޕޮލިސްގެ މައްޗަށް 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހްމަދު އައިހަމް މި މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު އިބްރާހިމް އަތީގުގެ ހެޓްރިކެއް ވަނީ ފެނިގެންގޮސްފައެވެ. ދެން މި މެޗުގައި އެ ޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ބައްސާމް (ބައްކު) އާއި އިބްރާހިމް ޝަނޫން (ޗަންނަ) އެވެ.

ޕޮލިހަށް މި މެޗުގައި ހަމައެކަނި ލަނޑު ކާމިިޔާބުކޮށްދިން ކުޅުންތެރިއަކީ އަހްމަދު ހުސާމެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށެވެ.

ޕޮލިހަކީ މި މުބާރާތުގެ ޗެމްޕިއަންކަން މީގެކުރިން ޖެހިިޖެހިގެން ތިން އަހަރު ހޯދާފައިވާ ޓީމެކެވެ. އެ ޓީމު ވަނީ ޒިގްޒެގް އޮފީސް ފުޓްސަލްގެ ތިންވަނަ، ހަތަރުވަނަ އަަދި ފަސްވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި މިއީ މުބާރާތުގެ ފައިނަލަށް ޕޯޓް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހުގައެވެ. އެ ދުވަހުގެ ރޭ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗު ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ޗެމްޕިއަން ޓީމާއި، ރަނަރަޕް އަދި ފެއާޕްލޭ ޓީމާއި، ކިންގް އޮފް ދަ ޓޯނަމެންޓުގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ އެކްސްކްލޫސިވް ޕާޓްނަރަކީ އެސްޓީއޯއެވެ. ބޭންކިން ޕާޓްނަރަކީ ބީއެމްއެލްއެވެ. ޑިޖިޓަންލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ބްރޯޑްކާސްޓިން ޕާޓްނަރަކީ ޔެސްޓީވީއެވެ. އަދި އޮންލައިން ޕާޓްނަރުންނަކީ ޚަބަރު އޮންލައިނާއި ވަގުތެވެ. ޕްރިންޓިން ޕާޓްނަރަކަށް ޑަބްލިއު ކްރާފްޓް ސެންޓަރ ހަމަޖައްސާފައިވާއިރު، ކޭޓްރިން ޕާޓްނަރުންނަކީ އޮރެންޖް ޑެކް އަދި ކާނިވަލް އެވެ. މުބާރާތުގެ އެޑް ބޯޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ އިންކްވެލް، ޗާންދަލިޔާ ބުކްޝޮކް އަދި ސީންއެވެ. އެކޮމަޑޭޝަން ޕާޓްނަރަކަށް ބަރާބަރު ހަމަޖައްސާފައިވާއިރު ޓްރެވަލް ޕާޓްނަރަކީ ބީ ޓްރެވަލްސް އެވެ.

ޒިގްޒެގް ކުލަބަކީ ކުޅުދުއްފުށި ސިޓީގައި ކުޅިވަރު މުބާރާތްތަކާއި، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރާ ޒުވާން ޓީމެއް އެކުލެވޭ ކުލަބެކެވެ.