އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ވ. ކެޔޮދޫ ސްކޫލުން ހޯދިއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދައިފި އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ ކުޅުން ކުރިއަށްދިޔައީ އެކުވެނި ޓާފް ވޮލީ ކޯޓުގައެވެ.

މި ފަހަރުގެ 19 އަހަރުން ދަށުގެ ދެ ފައިނަލުގައިވެސް މ. އަތޮޅު ތައުލީމީ މަރުކަޒު ވަނީ ވާދަކޮށްފައެވެ. އެކަމަކު ފައިނަލް މެޗުތަކުން އެ ޓީމުތައް ވަނީ ބަލިވެފައެވެ. އެގޮތުން ރޭ ކުޅުނު ފިރިހެން ފައިނަލުން ސީއެޗްއެސްއީ މޮޅުވީ މ. އަތޮޅު ތައުލީމީ މަރުކަޒާ ވާދަކޮށް ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު 22-25 އިން ކާމިޔާބުކުރީ މ. މުލީގެ މ. އަތޮޅު މަދަރުސާ އިންނެވެ. ޖެހިގެން އައި ދެ ސެޓު 25-19 އަދި 25-21 އިން ސީއެޗްއެސްއީ އިން ހޯދި ނަމަވެސް މ. އަތޮޅު މަދަރުސާ އިން އިތުރު ހިތްވަރެއްލާ 23-25 އިން ހަތަރު ވަނަ ސެޓު ހޯދި އެވެ. މެޗުގެ ނަތީޖާ ކަނޑައެޅުމަށް ކުޅުނު ސެޓު ސީއެޗްއެސްއީ އިން ގެންދިޔައީ 15-10 އިންނެވެ.

އަންހެން ފައިނަލް މެޗު ކެޔޮދޫ ސްކޫލުން ކާމިޔާބުކުރީ މ. އަތޮޅު ތައުލީމީ މަރުކަޒާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-20 އިން މ. އަތޮޅު ތައުލީމީ މަރުކަޒުން ގެންދިޔަ ނަމަވެސް، ކެޔޮދޫ ސްކޫލުން ވަނީ އަނެއް ތިން ސެޓު ފަސޭހަކަމާއެކު 25-14، 25-12 އަދި 25-14 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެޔޮދޫ ސްކޫލުގެ އާމިނަތު ރައިޝާ އިބްރާހީމެވެ.

ފިރިހެން ބައިގެ ތިން ވަނަ ހޯދީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުންނެވެ. އަދި އަންހެން ބައިގެ ތިން ވަނަ ހޯދީ ސީއެޗްއެސްއީ އިންނެވެ.

މިއާއެކު މި އަހަރުގެ އިންޓަރ ސްކޫލް ވޮލީ މުބާރާތުގެ ކުޅުން ނިންމާލިއިރު، މި އަހަރުގެ މުބާރާތުގައި ފޯރިގަދަ މެޗުތަކެއް ވަނީ ފެނިގެންގޮސްފައެވެ. މި އަހަރު އިންޓަރ ސްކޫލް ވޮލީ މުބާރާތް ބޭއްވިއިރު، މި އަހަރުގެ ކުރިން އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2019 ވަނަ އަހަރެވެ.