ފައިނަލުގައި ކްރޮސްރޯޑްސް މޯލްޑިވްސް އާއި ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށް ޖޯލި މޯލްޑިވްސް އިން ރިސޯޓް ސުޕަ ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ ރާއްޖޭގެ ރިސޯޓުތަކުގެ ޗެމްޕިއަނުންގެ މެދުގައި ބޭއްވި ފުރަތަމަ މުބާރާތެވެ. ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާ ސުޕަ ލީގު ކުރިއަށްދިޔައީ ރިސޯޓް ލީގުގެ 6 ޒޯނުގެ ޗެމްޕިއަނުންގެ މެދުގައެވެ. މުބާރާތުގެ ކުއާޓާފައިނަލް ތިން މެޗު ކުޅުނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.

ކްރޮސްރޯޑްސްގައި ކުޅުނު މި މެޗު ފަށައިގެން ޖޯލި މޯލްޑިވްސް އިން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ޖޯލި މޯލްޑިވްސް އިން ލީޑު ނެގިއިރު، މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ރިފްއަތެވެ. މިއީ ކޯނަރެއްގައި ލިބުނު ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

މި ލަނޑަށްފަހު ކްރޮސްރޯޑްސް އިން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ ދެވަނަ ހާފުގެ 35 ވަނަ މިނެޓުގައެވެ. އެ ޓީމު އެއްވަރުކުރި ލަނޑު ކާމިޔާބުކޮށްދިނީ ނޫހް އިބްރާހީމެވެ. މިއީ ހާފުގެ މެދެއްހާ ހިސާބުހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ. ޖޯލި މޯލްޑިވްސް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މޫސާ ޝުމޫޚް އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ އިބްރާހިމް ރިފްއަތެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޖޯލި މޯލްޑިވްސްގެ ނަޒީހް އިސްމާއިލް، އިބްރާހިމް ރިފްއަތު، އިބްރާހިމް ނަދީމް އަދި ކްރޮސްރޯޑްސްގެ ނޫހް އިބްރާހީމާއި ހަސަން ލައުހް އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްރޮސްރޯޑްސްގެ އިސްމާއިލް ވަހީދެވެ.