ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުޅެވޭނެ ގޮތަކާއި މެދު ޔޫތު މިނިސްޓްރީ އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް އަދި އެ އިދާރައިގެ އެކްސްކޯ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އަންނަ އޮކްޓޯބަރު މަހު 23 އިން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭ ގޮތަށް މިހާރު ނިންމާފައިވާއިރު، 13 ދުވަހު ތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމޭނެއެވެ.

މާލެ އާއި އައްޑޫ ސީޓީ ސްޓޭޑިއަމް ގައި މި މެޗުތައް ކުޅުމަށް ނިންމާފައިވާ އިރު ބައްދަލުވުމުގައި ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މި މުބާރާތް ކުރިއަށް ގެންދިއުމަށް އަޅާނެ ފިޔަވަޅުތަކާއި މަޝްވަރާކޮށްފައެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި މިހާރު އޮތްގޮތުން ބޭރުން އަންނަ ހުރިހާ ކުޅުންތެރިން ރާއްޖޭގައި 14 ދުވަހަށް ކަރަންޓީން ވާން ޖެހޭނެއެވެ. ރާއްޖޭގައި މިހާރު ކޭސްތައް އިތުރު ވަމުން ދާއިރު މި މުބާރާތް ރާއްޖޭގައި ބޭއްވިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.

ބައްދަލުވުމުގައި ވަނީ މުބާރާތް ކުރިއަށް ގެންދިއުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި ވާހަކަ ދައްކައި ކުރަން ޖެހޭ ކަންތައްތަކާ މަޝްވަރާ ކޮށްފައެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖްގައި މިހާރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރާއިރު ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު ވާދަކުރަމުން އަންނަނީ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.