މިއަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވަގުތު" ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް މި އަހަރު އެންމެ ފުރަތަމަ ބާއްވަން އުޅުނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު، ރާއްޖޭގައި ހަލުވިކަމާ އެކު، ކޮވިޑް-19 ފެތުރެމުން އަންނާތީ މުބާރާތް މުއްދަތެއް ނެތް ގޮތަށް ފަސް ކުރިއެވެ.

އެ މުބާރާތް މިހާރު ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވައެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ފޯމު ދޫކުރުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ. ފޯމު ހޯދުމަށާއި އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް 9657764 އިން މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އައްޑޫގައި ބާއްވަން އަންނަ ވަގުތު ފުޓްސަލް ޗެލެންޖް ކަޕްގައި މިއަހަރު ބައިވެރިވާ ޓީމުތަކަށް ހިލޭ ބައިވެރިވުމުގެ ފުރުސަތާއި ބައިވެރިވާ ޓީމުތަކަށް ޖާސީ ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް މުބާރާތް ހިންގާ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ވަގުތު އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ މުބާރާތުގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރަކީ "ޑްރީމްސް ޕިއްޒާ" އެވެ. މުބާރާތުގެ މޭޖާ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ. މުބާރާތުގެ އޮފިޝަލް ބޯޅަ ސްޕޮންސަރ ކޮށްފައި ވަނީ ކިންގް ސްޕޯޓްސް އިންނެވެ. އޮފިޝަލް ޕްރިންޓިން ޕާޓްނަރަކީ އައިލެންޑް އެޕަރަލްސްއެވެ.

މި އަހަރުގެ މުބާރާތުގައި ދޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފައެވެ. ފައިސާގެ އިނާމަށް ގެނައި ބަދަލާ އެކު، މުބާރާތުގެ ތިން ވަނަ ހޯދާ ޓީމަށް 30،000ރ. އަދި ރަނަރަޕް ޓީމަށް 75،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަަޖެހިފައެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000ރ. ގެ ފައިސާގެ އިނާމެއް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް އުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.