މިހާރު ކުރިއަށްދާ 32 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި ރޭ ކުޅުނު މެޗުތަކަށްފަހު ފިރިހެން ޑަބަލްސް ޗެމްޕިއަންކަން އާދަމް އަދީލް އާއި އަހުމަދު ޖަލާލް އަލީގެ ޕެއާ އިން ހޯދައިފިއެވެ.

ހުޅުމާލެ ކެރަމް އެރީނާގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގައި ރޭ ކުޅުނު ފިރިހެން ޑަބަލްސް ފައިނަލްގައި އަދީލް އާއި ޖަލާލްގެ ޕެއާ ވަނީ ފަހަތުންއަރައި 2-1 އިން ޚާތިމް ޚަލީލް އާއި ނައުފަލް ޝަރީފްގެ ޕެއާ ބަލިކޮށްފައެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު 22-18 އިން ޚާތިމް އާއި ނައުފަލްގެ ޕެއާ ގެންގޮސްފައިވަނިކޮށް، އަދީލް އާއި ޖަލާލްގެ ޕެއާ އިން ވަނީ ދެން ޖެހިގެންއައި ދެ ސެޓު 25-13، 24-17 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ.

ފިރިހެން ޑަބަލްސް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި ހަސަން ނާޒިމް އާއި އަހުމަދު ހާމިދުގެ ޕެއާ ވަނީ ފަހަތުންއަރައި 2-1 އިން ހުސެއިން ނީޝާމް އާއި އިސްމާއިލް އަޒްމީންގެ ޕެއާ އަތުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-9 އިން ނީޝާމް އާއި އަޒްމީންގެ ޕެއާ ގެންދިޔައިރު، ނާޒިމް އާއި ހާމިދު ވަނީ ދެން ޖެހިގެންއައި ދެ ސެޓު 24-12، 25-13 އިން ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓްގެ މެޗުތަކެވެ.