މިހާރު ކުރިއަށްދާ 32 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި ރޭ ކުޅުނު މެޗުތަކަށްފަހު އަންހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.

މި ފަހަރުގެ ގައުމީ ކެރަމް މުބާރާތުގެ އަންހެން ޓީމް އިވެންޓްގައި ވާދަކޮށްފައިވަނީ ތިން ޓީމެވެ. އެއީ، އައިލެންޑާސް ހޯޕް ސްޕޯޓްސް ކްލަބާއި، ކުޑަ ހެންވޭރު ޔުނައިޓެޑް އަދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބެވެ.

ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ރޭ ކުޅުނު އަންހެން ޓީމް އިވެންޓްގެ ފައިނަލްގައި އައިލެންޑާސް ހޯޕް އެސްސީ އިން ވަނީ 2-1 އިން ކުޑަ ހެންވޭރު ޔުނައިޓެޑް ބަލިކޮށްފައެވެ.

އަންހެން ޓީމް އިވެންޓްގެ ފައިނަލްގައި ކުޅުނު ފުރަތަމަ ސިންގަލްސްގައި އައިލެންޑާސް ހޯޕް އެސްސީގެ އައިމިނަތު ވިދާދް ވަނީ 25-10، 25-13 އިން ކުޑަ ހެންވޭރުގެ އާމިނަތު ވިޝާމާ ބަލިކޮށްފައެވެ. ސިންގަލްސްގެ ދެވަނަ މެޗުގައި އައިލެންޑާސްގެ ފާތިމަތު ރަޔާނާ މޮޅުވިއިރު، ޑަބަލްސް މެޗުގައި ކުޑަ ހެންވޭރުގެ އައިޝަތު ފައިނާޒް އާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ އައިލެންޑާސް ހޯޕް އެސްސީގެ ރާފިއަތު ރިޒްމާ އާއި ފާތިމަތު މުޙައްމަދު ސައީދުގެ ޕެއާ އަތުން 20-9، 23-17 އިން މޮޅުވެފައެވެ.