ކެރަމް ސިލެކްޝަން މުބާރާތުގައި މިރޭ ކުޅުނު މެޗުތަކަށްފަހު އިސްމާއިލް އަޒްމީން އާއި އައިމިނަތު ވިދާދް ގައުމީ ޓީމުން ޖާގަ ހޯދައިފިއެވެ.

ކެރަމް އެރީނާގައި މިހާރު ކުރިއަށްދާ މި ފަހަރުގެ ސިލެކްޝަން މުބާރާތުގައި ނިސްބަތުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވެއެވެ.

މި ފަހަރުގެ ސިލެކްޝަން މުބާރާތުގެ ފިރިހެން ކުޅުންތެރިންގެ ބައިގައި ފުރަތަމަ ބުރުގެ މެޗުތަކަށްފަހު ގައުމީ ޓީމުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި އަޒްމީން ވަނީ ފައިނަލްގައި އާދަމް އަދީލް ބަލިކޮށްފައެވެ. މިރޭ ކުޅުނު ފައިނަލުން އަޒްމީން މޮޅުވީ 25-13 ،22-10 އިންނެވެ.

ތިންވަނަ ހޮވާ މެޗުން މުޙައްމަދު މުންތަސިރު ވަނީ 2-1 ސެޓުން ހަސަން ނާޒިމް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް މުންތަސިރު ގެންދިޔައީ 24-4، 10-25, އަދި 25-15 އިންނެވެ.

މުބާރާތުގެ އަންހެން ކުޅުންތެރިންގެ ބައިގައި ގައުމީ ޓީމުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ވިދާދް ވަނީ ތިން ސެޓަށް ދިގުދެމިގެންދިޔަ ފައިނަލްގައި ފާތިމަތު ރަޔާނާ އަތުން 2-1 މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ވިދާދް ގެންދިޔައީ 25-9, 16-18, އަދި 25-7 އިންނެވެ.

އަންހެން ކުޅުންތެރިންގެ ފައިނަލެކޭ އެއްގޮތަށް ތިންވަނަ ހޮވާ މެޗު ވެސް ތިން ސެޓަށް ދިގުދެމިގެންދިޔައިރު އާމިނަތު ވިޝާމާ ވަނީ 2-1 އިން އައިޝަތު ފައިނާޒް ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ވިޝާމާ ގެންދިޔައީ 18-16, 13-22, އަދި 18-17 އިންނެވެ.