މިހާރު ކުރިއަށްދާ 32 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި ރޭ ކުޅުނު މެޗުތަކަށްފަހު ފިރިހެން ޓީމް އިވެންޓްގެ ޗެމްޕިއަންކަން ތުޅާދޫ ޔަންގް އީގަލް ހޯދައިފިއެވެ.

މި ފަހަރުގެ ގައުމީ ކެރަމް މުބާރާތުގެ ފިރިހެން ޓީމް އިވެންޓްގައި ވާދަކޮށްފައިވަނީ ފަސް ޓީމެވެ. އެއީ، ތުޅާދޫ ޔަންގް އީގަލް، ކުޑަ ހެންވޭރު ޔުނައިޓެޑް، އެސްޕިރޭޝަން ފޮރ އޯލް އިނިޝިއޭޓިވްސް ސްޕޯޓްސް ކްލަބާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އަދި ޑީސީ ޖޭ ސްޕޯޓްސް ކްލަބެވެ.

ހުޅުމާލޭގައި ހުންނަ ކެރަމް އެރީނާގައި ރޭ ކުޅުނު އަންހެން ޓީމް އިވެންޓްގެ ފައިނަލްގައި ތުޅާދޫ ޔަންގް އީގަލް ވަނީ 2-1 އިން ކަސްޓަމްސް ބަލިކޮށްފައެވެ.

ފައިނަލް މެޗުގައި ކުޅުނު ފުރަތަމަ ސިންގަލްސްގައި ކަސްޓަމްސްގެ އިސްމާއިލް އަޒްމީން އަތުން ތުޅާދޫ ޔަންގް އީގަލްގެ ޔަމާން އަބްދުލް ޖަލީލް 25،6، 25-0 އިން ބަލިވިއިރު، ސިންގަލްސްގެ ދެވަނަ މެޗުގައި ތުޅާދޫ ޔަންގް އީގަލްގެ މުޙައްމަދު މުންތަސިރު ވަނީ ކަސްޓަމްސްގެ ނައުފަލް ރަޝީދު އަތުން 19-15، 0-25، އަދި 24-16 އިން މޮޅުވެފައެވެ.

ޑަބަލްސް މެޗުގައި ތުޅާދޫ ޔަންގް އީގަލްގެ ޚާތިމް ޚަލީލް އާއި އިބްރާހިމް އަޒްމީންގެ ޕެއާ ވަނީ 25-7، 4-21، އަދި 22-19 އިން ކަސްޓަމްސްގެ އިބްރާހިމް ހުޖާން އާއި އަހުމަދު ނިޔާޒްގެ ޕެއާ ބަލިކޮށް، ޗެމްޕިއަންކަން ހޯދާފައެވެ.

ފިރިހެން ޓީމް އިވެންޓްގެ ތިންވަނަ ހޮވާ މެޗުގެ ސިންގަލްސް ބައިގައި އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވްސް ސްޕޯޓްސް ކްލަބުގެ އަހުމަދު އިކްލީލް ވަނީ ކުޑަ ހެންވޭރުގެ އަލީ ހަސަން އަތުން 16-25، 25-4، އަދި 25-6 ވަނީ މޮޅުވެފައެވެ. ސިންގަލްސް ދެވަނަ މެޗުގައި އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވްސް ސްޕޯޓްސް ކްލަބުގެ ހަސަން ނާޒިމް ވަނީ ކުޑަ ހެންވޭރުގެ އަލީ އާޒިމް އަތުން 18-19، 8-24، އަދި 25-5 އިން މޮޅުވެފައެވެ.

ޑަބަލްސް މެޗުގައި އެސްޕިރޭޝަން ފޯރ އޯލް އިނިޝިއޭޓިވްސް ސްޕޯޓްސް ކްލަބުގެ އާދަމް ސަލީމް އާއި އަބްދުﷲ އިސްމާއިލްގެ ޕެއާ ވަނީ ކުޑަ ހެންވޭރުގެ އިބްރާހިމް ލިފާއު އާމިރު އާއި އަބްދުﷲ ލަބީދުގެ ޕެއާ އަތުން 25-3، 19-22، އަދި 19-14 އިން މޮޅުވެފައެވެ.