ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދާ ރެއާލް މެޑްރިޑުން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލެއް ޖަހާ ކުރި ހޯދާފައިވަނީވެސް ރެއާލް މެޑްރިޑުންނެވެ. މެޗު ފަށައިގެން 12 ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ. މި ގޯލަށް ފަހުވެސް މި ހާފުގައި ދެ ޓީމަށްވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. ނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-1 ގެ ނަތީޖާ އަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން މެންޗެސްޓާ ސިޓީ އިން ކުޅުން ރަނގަޅުކޮށް ރެއާލް މެޑްރިޑްގެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 76 ވަނަ މިނެޓުގައި ކެވިން ޑި ބްރޫން ވަނީ މެންޗެސްޓާ ސިޓީ އަށް ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 1-1 ގެ ސްކޯއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި ސްކޯގައި އޮވެ މެޗު ނިމުމުން މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުވެސް ކުޅުނެވެ. ނަމަވެސް އިތުރު ވަގުތުގެ ދެ ހާފުގައިވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުނުކުރެވުމުން މެޗުގެ ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއެވެ. ޕެނަލްޓީގައި ރެއާލް މެޑްރިޑް އިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން 4 ޕެނަލްޓީވަނީ ކާމިޔާބުކޮށްފައެވެ. ރެއާލް މެޑްރިޑށް ކާމިޔާބު ނުކުރެވުނީ އެ ޓީމުގެ ލޫކާ މޮޑްރިޗް ޖެހި ޕެނަލްޓީ އެކަންޏެވެ. މެންޗެސްޓާ ސިޓީ އަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީއެވެ. އެ ޓީމުގެ ބާނާޑޯ ސިލްވާ އަދި މަތިއޯ ކޮަވަސިޗް ޖެހި ޕެނަލްޓީ ރެއާލް މެޑްރިޑްގެ ގޯލް ކީޕަރު ދިފާއު ކުރިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑްގެ ދަނޑުގައި މި ދެ ޓީމު ވާދަކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާ އަކުން މި ދެ ޓީމު އެއްވަރު ވެގެންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ވާދަކުރަން ޖެހޭނީ މި މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ ޖަރުމަނުގެ ބަޔާން މިއުނިކް އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު