ޖަރުމަނުގެ ބުންޑަސް ލީގާގައި ރޭ ޗެމްޕިއަން ބަޔާން އާއި ހޮފެންހަމް ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ބަޔާން ބަލިކޮށްފިއެވެ.

ހޮފެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 ގެ ނަތީޖާ އަކުން ބަޔާންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހަށްފަހު މެޗަކުން ބަޔާން ބަލިވި ފުރަތަމަ ފަހަރެވެ. ބަޔާނުން މީގެ ކުރިން ކުޅުނު 32 މެޗުން މިހާތަނަށް ބަލިވެފައި ނުވާ އިރު މިއީ އެ ޓީމުގެ ކޯޗު ހަންސީ ފްލިކް ހަވާލުވި ފަހުން އެ ޓީމު ބަލިވި ހަތަރުވަނަ މެޗެވެ. މި މެޗުން ބަޔާން ބަލިވި ނަމަވެސް އަދިވެސް ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑު އޮތީ އެ ޓީމު އަތުގައެވެ.

ރޭ ކުޅުނު މި މެޗުގެ 16 ވަނަ މިނެޓުގައި ހޮފެންހަމުން ވަނީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް ލީޑު ނަގާފައެވެ. އެރުމިން ބިޗަކްޗިޗް މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިން އިރު 24 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށް ދިނީ މޫނަސް ދައްބޫރެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ވަނީ ބަޔާންގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ.

ނަމަވެސް ދެ ވަނަ ހާފްގައި ހޮފެންހަމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މެޗުގެ 77 ވަނަ މިނެޓުގައި އަންދްރެއި ކްރަމަރިޗް ތިން ވަނަ ލަނޑު ކުރިއިރު ފަހު ލަނޑަކީ ލިބުނު ޕެނަލްޓީ އެއްގައި ކްރަމަރިޗް ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުން މޮޅުވެ ހޮފެންހަމް ތާވަލްގެ އެއްވަނާގައި ހަ ޕޮއިންޓާއެކު އޮތްއިރު ބަޔާން ތާވަލްގެ ހަތް ވަނާގައި އޮތީ ކުޅުނު ދެމެޗުން ތިން ޕޮއިންޓާ އެކުގައެވެ.