ޕްރިމިއާ ލީގުގައި ލިވަޕޫލް ރޭ ކުޅުނު މެޗުން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެ ޓީމާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

ލިވަޕޫލް މޮޅުވީ ކްރިސްޓަލް ޕެލެސްގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ. ލިވަޕޫލްގެ ލަނޑުތައް ޖަހައި ދިނީ ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި އެލެކްސް އޮކްސްލޭޑް ޗަމްބަލައިން އާއި ފަބިންހޯއެވެ. ކްރިސްޓަލް ޕެލެސްގެ ހަމައެކަނި ލަނޑު ޖަހައި ދިނީ އޮޑްސަން އޮޑުއާޑްއެވެ.

ލިވަޕޫލް ހޯދި މި މޮޅާއެކު، އެ ޓީމު ކުޅުނު 22 މެޗުން ލިބިފައި ވަނީ 48 ޕޮއިންޓެވެ. މެންޗެސްޓާ ސިޓީ 57 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ 23 މެޗު ކުޅެގެންނެވެ. މެންޗެސްޓާ ސިޓީ އަށް އެއްވަނައިގައި އޮވެ، ލީޑް ފުޅާ ކުރަން ލިބުނު ފުރުސަތު ގެއްލުނީ ސައުތުހެމްޓަން އަތުން 1-1 އިން އެއްވަރުވުމުންނެވެ.

ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ އާއި ޗެލްސީގެ މެޗު 2-0 އިން ކާމިޔާބުކޮށް ޗެލްސީ ވަނީ ތިން ވަނައިގައި ހަމަޖެހިލައިފައެވެ. ޗެލްސީގެ ލަނޑުތައް ޖަހައި ދިނީ ހަކިމް ޒިޔެޗް އާއި ތިއާގޯ ސިލްވާއެވެ.

މި މޮޅާއެކު ޗެލްސީ ކުޅުނު 24 މެޗުން އެ ޓީމަށް ލިބެނީ 47 ޕޮއިންޓެވެ. ތާވަލްގެ ހަތް ވަނައިގައި ޓޮޓެންހަމް އޮތީ ކުޅުނު 20 މެޗުން ލިބުނު 36 ޕޮއިންޓާއެކުގައެވެ.