މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެންތޮނީ މާޝިއަލް ލޯން އެއްބަސްވުމެއްގެ ދަށުން ސެވިއްޔާ އަށް ބަދަލުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ބައެއް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސްޕެއިންގެ ސެވިއްޔާ އިން މާޝިއަލް ގެންދިއުމަށް ލޯންގެ ގޮތުގައި ފަސް މިލިއަން ޔޫރޯ ވަނީ ހުށަހަޅައިފައެވެ. އަދި އިނގިރޭސި ކްލަބް މެންޗެސްޓާ ޔުނައިޓެޑުން މިކަމަށް އެއްބަސްވެއްޖެ ނަމަ، އަންގާރަ ދުވަހު މާޝިއަލް މެޑިކަލް ހެދުމަށްޓަކައި ސްޕެއިން އަށް ފުރާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ލޯންގެ މުއްދަތު ހަމަވުމުން މާޝިއަލް ގަތުމުގެ އިހްތިޔާރެއް ސެވިއްޔާ އަށް ނެތް ކަމަށްވެއެވެ. އެކަމަކު، މާޝިއަލް ހުރީ ސެވިއްޔާ އަށް ދާން ވަރަށް ބޮޑަށް ބޭނުންވެފައެވެ.

އުމުރުން 26 އަހަރުގެ މާޝިއަލް ވަނީ ޔުނައިޓެޑް ދޫކޮށްދާން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ޔުނައިޓެޑް ދޫކޮށްލާ ހާލަތެއްގައި ފުރަތަމަ ވެސް ދާން ބޭނުންވަނީ ސެވިއްޔާ އަށް ކަމަށް ބުނެފައިވެއެވެ.

މާޝިއަލް ގެންދިއުމަށް ނިއުކާސަލް ޔުނައިޓެޑާއި ޓޮޓެންހަމްގެ ވެސް ޝައުގުވެރިކަން އެބަހުއްޓެވެ. އެކަމަކު، މާޝިއަލް ދާން ބޭނުން ވަނީ ޕްރިމިއާ ލީގު ނޫން ލީގަކަށް ކުޅުމަށެވެ. ޔުވެންޓަސް އާއި ބާސެލޯނާ އިން ވެސް މާޝިއަލް އަށް ޝައުގުވެރިވި ނަމަވެސް އޭނާގެ މުސާރަ ބޮޑުކަމުން ގެންދަން ބޭނުން ނުވި ކަމަށްވެއެވެ.

މާޝިއަލް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވީ މޮނާކޯގައި ހުރުމަށް ފަހު 2015 ގައި 36 މިލިއަން ޔޫރޯއަށެވެ. އެކަމަކު، މި ފަހުން އައިސް މާޝިއަލް އަށް ފުރަތަމަ 11 އިން ޖާގަ ނުލިބި ބެންޗުގައި އިންނަން ވަނީ ޖެހިފައެވެ. އޭނާ މި ސީޒަންގައި ކުޅެފައި ވަނީ އެންމެ 11 މެޗެވެ.

އަދި މި ސީޒަންގައި ޔުނައިޓެޑަށް ޖަހައި ދީފައި ވަނީ އެންމެ ލަނޑެކެވެ.