ކެމެރޫންގައި ކުރިއަށް ދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރުގައި ކޮމޮރޯސްއާ ދެކޮޅަށް ކެމެރޫން ކުޅުނު މެޗު ބަލަން ރޭ ދަނޑަށް ވަންނަން އުޅުމުގެ ތެރޭގައި ބަޔަކު ފިތިގެން މަރުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ދަނޑަށް ވަންނަން އުޅުމުގެ ތެރޭގައި ހަ މީހަކު ވަނީ މަރުވެފައެވެ. އެމީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ކައިރި ހޮސްޕިޓަލްތަކަށް ގެންދަން ޖެހުނު ކަމަށްވެއެވެ.

ކެމެރޫންގެ ވެރިރަށް ޔައޯންޑޭގައި އޮންނަ އޮލެމްބޭ ސްޓޭޑިއަމްއަކީ 60،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ. ކޮވިޑް-19 ގެ ސަބަބުން އެ ދަނޑަށް ވައްދަން ކަނޑައަޅާފައި އޮތީ 48،000 މީހުންނެވެ. އެކަމަކު، އެއަށް ވުރެ މާ ގިނަ މީހުން ދަނޑަށް ވަންނަން އުޅުމުން ގިނަ ބަޔަކު ފިތުނީ ކަމަށްވެއެވެ.

އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި 40 މީހަކަށް އަނިޔާވެގެން ސްޓޭޑިއަމް ކައިރީގައި ހުންނަ ހޮސްޕިޓަލެއް ކަމަށްވާ މެސާސީ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އޭގެ ތެރެއިން ބައެއް މީހުން ސްޕެޝަލައިޒްޑް ހޮސްޕިޓަލަކަށް ގެންދަން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާގައި އަނިޔާވި ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެއެވެ.

އޮފިޝަލުން ލަފާ ކުރާ ގޮތުގައި ގާތްގަނޑަކަށް ބައި ލައްކައެއްހާ މީހުން ދަނޑަށް ވަންނަން ވަނީ މަސައްކަތްކޮށްފައެވެ. މި ހާދިސާއާ އެކު ވެސް ކެމެރޫން އާއި ކޮމޮރޯސް ބައްދަލު ކުރި މެޗު ކުޅުނެވެ. މި މެޗުގައި ކެމެރޫން ވަނީ 2-1 އިން ކޮމޮރޯސް ބަލިކޮށް ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ކޮންފަޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލަ (ސީއޭއެފް) އިން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާގެ ތަހުގީގު ފަށައި ކަން ހިނގި ގޮތް ތަފްސީލްކޮށް އޮޅުން ފިލުވަމުންދާ ކަމަށެވެ.